ރީޖަނަލް ކޮމެޓީގެ 73 ވަނަ ބައްދަލުވުން ފަށައިފި

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ކޮމެޓީގެ 73 ވަނަ ބައްދަލުވުން މިއަދު ފެށިއްޖެ އެވެ. ކޮވިޑް-19 އާއި ގުޅިގެން މިއަހަރު ބާއްވަނީ "ވަރޗުއަލް" ބައްދަލުވުމެއްގެ ގ...

09 Sep 2020 | 13:47

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ކޮމެޓީގެ 73 ވަނަ ބައްދަލުވުން މިއަދު ފެށިއްޖެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން މިއަހަރު ބާއްވަނީ "ވަރޗުއަލް" ބައްދަލުވުމެއްގެ ގޮތުގައެވެ.

މާދަމާގެ ނިޔަލަށް ކުރިޔަށްދާ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ މިނިސްޓްރީ އޮފް ހެލްތުގެ ވަފްދުގެ އިސްކޮށް ހުންނެވީ މިނިސްޓްރީ އޮފް ހެލްތުގެ ޕަރމަނަންޓް ސެކެޓްރީ ޢާއިޝަތު ސާމިޔާ އެވެ.

މިއީ މިސަރަޙައްދުގެ 11 ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރުންނާއި ޞިއްޙީދާއިރާގެ އިސްވެރިންނާއި ފަންނީ ބޭފުޅުން ހިމެނޭގޮތަށް ސަރަޙައްދުގެ ރައްޔިތުންގެ ސިއްޙަތާ ގުޅޭ މުހިންމު ކަންތައްތައް ކަނޑައަޅާ، ސަރަޙައްދުގެ ޞިއްޙީ ކުރިއެރުމަށް މަޝްވަރާކޮށް ކަންކަން ނިންމުމަށް އަހަރަކު އެއްފަހަރު ބާއްވާ އެންމެ މުހިންމު 'ގަވަރނަންސް' ބައްދަލުވުމެކެވެ.

މިއަހަރުގެ ބައްދަލުވުމުގައި މެމްބަރު ޤައުމުތަކުން ކޮވިޑް-19 އާއި ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި، ކުރެވުނު ތަޖްރިބާއާއި ކުރިއަށް އޮތްތާގައި ކުރެވިދާނެ ކަންކަމާގުޅޭގޮތުން ޞިއްހީދާއިރާ ތަމްޞީލްކުރައްވާ އެންމެ އިސްވެރިންގެ ޚާއްޞަ މަޝްވަރާއެއް ކުރިއަށްދާނެ އެވެ.

މީގެ އިތުރުން ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޞިއްޙީ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްގެންދިއުމަށް ޤައުމުތަކާއި ސަރަޙައްދީ ފެންވަރުގައި ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރާނެ އެވެ. އަދި ކޮވިޑް-19 އާއިދެކޮޅަށް މެމްބަރު ޤައުމުތަކުން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއާއެކު ގުޅިގެން މަސައްކަތްތަކެއްކުރުމަށް ޚާއްޞަ ޤަރާރެއް ފާސްކުރުމަށްވެސް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުންވެސް، ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ އެންމެ ސަމާލުކަންދޭ ޞިއްޙީ މައްސަލަތަކާއިގުޅޭ ގޮތުން މިބައްދަލުވުމުގައި މަޝްވަރާކޮށް، އެމައްސަލަތަކަށް ޤައުމުތަކާއި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގުޅިގެން ކުރާނެ މަސައްކަތްތަކެއް ނިންމިގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް