އިންޑިއާގެ ޓޫރިސްޓުން ރާއްޖެއަށް ގެނައުން އިތުރު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފި

އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ކުރުމާއި ގުޅޭގޮތުން ދެ ގައުމުން މަޝްވަރާ ކޮށްފި އެވެ. މި މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި އިން...

09 Sep 2020 | 13:16

އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ކުރުމާއި ގުޅޭގޮތުން ދެ ގައުމުން މަޝްވަރާ ކޮށްފި އެވެ.

މި މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި އިންޑިއާއިން ރާޢްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބޭއްވެވި ބައްދަލު ކުރެއްވުމެއްގައި އެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ އިންވެސްޓަރުންގެ އެހީގައި ރާއްޖޭގެ އެސްއެމްއީތައް ކުރިއެރުވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ޓޫރިޒަމް ދާއިރާގައި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ދެގައުމުގެ ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެ އާއި އިންޑިއާގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު މިހާރު ހުޅުވާލާފައިވާއިރު ދެ ގައުމުގެ ދެމެދުގެ ޓްރެވަލް ބަބްލް އެއް އެކުލަވާލައި ދަތުރުތައް ވަނީ ފަށާފައި އެވެ. މި އެއްބަސްވުމުގެ ދަށުން މޯލްޑިވިއަން އާއި އިންޑިއާގެ ބަޖެޓު އެއާލައިން އިންޑިގޯގެ ދަތުރުތައް ދެ ގައުމުގެ ދެމެދުގައި ކުރާނެ އެވެ.

އަދި އިންޑިއާ ފަތުރުވެރިން ރާއްޖެއަށް އައުމަށް އިތުރަށް ދޮރު ހުޅުވިގެންދާނެ އެވެ. މިދިޔަ ފަސް އަހަރެއް ހާ ދުވަހު ރާއްޖެއަށް އަންނަ އިންޑިއާ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް