ކުދިން ބެލެނިވެރިން ބުނާގޮތް ނަހަދަނީ ކީއްވެ ؟

ވަރަށް ގިނަ ބެލެނިވެރިން އާންމުކޮށް ބުނެ އުޅޭ އެއް ވާހަކަ އަކީ ކުދިން ބަސްނާހާ ވާހަކަ އެެވެ. ކުދިން ބުނާގޮތް ނުހަދާ ވާހަކައެވެ. މިއީ މިހާރުވެސް ބައެއް ބެލެނިވެރިންގެ ފަރާތުން އާންމުކޮށް އިވެމުންދާ އަޑ...

09 Sep 2020 | 12:14

ވަރަށް ގިނަ ބެލެނިވެރިން އާންމުކޮށް ބުނެ އުޅޭ އެއް ވާހަކަ އަކީ ކުދިން ބަސްނާހާ ވާހަކަ އެެވެ. ކުދިން ބުނާގޮތް ނުހަދާ ވާހަކައެވެ. މިއީ މިހާރުވެސް ބައެއް ބެލެނިވެރިންގެ ފަރާތުން އާންމުކޮށް އިވެމުންދާ އަޑެކެވެ.

ބެލެނިވެރިން މިގޮތަށް ވާހަކަ ދައްކާ ޝަކުވާތަށް ކިރާއިރު، ކުދިންގެ ފަރާތުން މިފަދަ ކަންކަން ފެންނަމުން ދަނީ ޚުދު ތިމާމެނަގެ ވެސް އިޙުމާލުންނެވެ. މިކަން ޚުދު ބެލެނިވެރިޔާ ވެސް ވިސްނާލުން ރަނގަޅެވެ.

އެގޮތުން ކުދިންގާތު ކަމެއް ކުރުމަށް ބުނެ ކަމެއް ހަވާލުކުރާ އިރު، އެކަމެއް އެކުދިން ކުރަންވީގޮތް ވަރަށް ސާފުކޮށް ކިޔައިދޭންޖެހެއެވެ. މިސާލަކަށް ބުނާނަމަ ބެލެނިވެރިޔާ ބޭނުންވަނީ ތިމާގެ ދަރިފުޅު ކުޅެނިންމުމަށްފަހު އޭނާލައްވާ ކުއްޖާގެންގުޅުނު ކުޅޭ ތަކެތި ވަކި ތަރުތީބަކުން ތަރުތީބުކޮށް ބަހައްޓަން ކަމަށްވާނަމަ ތިމާ ބޭނުންވާގޮތް އޭނާގާތު ވަރަށް ތަފްސީލުކޮށް ކިޔައިދޭން ޖެހޭނެއެވެ.

އެކަން ކުރުވަން ބޭނުންވަނީ ޕްރީސްކޫލް އުމުރުގެ ކުއްޖެއްލައްވާ ކަމަށްވާނަމަ އެކަމުގެ މުހިންމުކަން އަދި މާބޮޑަށް ދޭން ޖެހޭނެއެވެ. ކުޅެންގެންގުޅުނު ތަކެތި ތަރުތީބުކޮށްލުމޭ ބުނުމުން އެބުނީ ކީކޭކަން ތިމާއަށް ވަރަށް ރަނގަޅަން އެނގޭނެއެވެ. އެއީ ތިމާއަށް އެބުނި އެއްޗަކުން ދޭހަވާމާނަ ރަނގަޅަށް އެނގޭތީއެވެ. އަދި ތަރުތީބުކޮށްލީމާ އެތަނެއް އޮންނާނެ ގޮތް ތިމާގެ ހިތައް ތަސައްވުރު ކުރެވޭނެތީއެވެ. އެކަމަކު ކުޑަކުއްޖަކަށް އެކަން ބެލެނިވެރިން ކުރިން ކިޔައިދީފައި ނުވާނަމަ އެ ކުއްޖަކަށް އެކަން  ވިސްނައި ގަންނަން އުނދަގުވާނެއެވެ. އަދި އެ ކުއްޖާގެ ސިކުނޑިއަށް އެކަން ނުވެސް ވިސްނޭނެއެވެ.

އެހެންކަމުން ކުޅެންގެންގުޅުނު ތަކެތި ރީތިކޮށް ތަރުތީބުކޮށްލީމާ އޮންނާނީ ކޮންގޮތަކަށް ކުއްޖާ ކަންތައްތައް ކުރީމާކަން އަމިއްލައަށް ދެނެގަނެވޭނެ ފަދަ ސާފުއިބާރާތުން ކުއްޖާއަށް ކިޔައިދީ އޮޅުން ފިލުވާދީފި ނަމަ އޭނާއަށްވެސް އެކަން އެނގޭނެއެވެ. އަދި އެކަން ކުރަން ދަސްވެސްވާނެއެވެ.

ހަމައެކަނި ކުޅޭ އެއްޗެތި ރިތިކޮށް ތަރުތީބުކޮށްލަން ކުއްޖާގާތު ބުނުމުގެ ބަދަލުގައި މިފަދަ އިބާރާތްތަކުން ކުއްޖާއަށް ކަންތައްތައް އޮޅުން ފިލުވައި ދެވިދާނެއެވެ.

ތަފްސީލްކޮށް ކުއްޖާއަށް ކަންކުރަންވީގޮތް ބުނެދެވިފަވާނަމަ ތިމާގެ ދަރިފުޅު ލައްވާ ތިމާ ކުރުވަން ބޭނުންވާ ކަންތައްތައް ފާސޭހައިން އޭނާއަށް ދެނެގަނެވި އެކަން ފުރިހަމައަށް ކޮން ނިންމާނެއެވެ. އަދި އޭނާއަށް އެހެން ކަމެއް ކިރެވެން ފުރުސަތު އޮތީ އޭނާގެ މަންމަ ނުވަތަ ބައްޕަ އެބުނާ ކަންތައްތައް ފުރިހަމަކޮށްގެން ކަން އޭނާއަށް ވިސްނޭނެއެވެ.

ކުދިންގާތުގައި ކަމެއްކުރަން ބުނުމުން ބައެއް ފަހަރަށް ބެލެނިވެރިޔާ ބޭނުންވާގޮތަށް ކޮންމެފަހަރަކު ނުކުރަނީ އެކަން އެގޮތައް ކުރަން ބޭނުންނުވާތީ ކަމުގައި ނުވެދާނެއެވެ. އަދި އެހެން އެވި ކުއްޖާއަށް ކުރަންވީ ކޮން ކަމެއްކަން ރަގަޅަށް އެގިފައި ނެތީމަކަމަށްވެސް ވެދާނެއެވެ. އެކަމަކު ބައެއް ފަހަރު ބެލެނިވެރިންނަށް ކުއްޖާއެކަމެއް ނުކުރުމުން ރުޅިއައިސް ކުއްޖާއަށް އެއްޗެހިގޮވާ ހަޅޭލާ ފަހަރުވެސް އާދެއެވެ.

ބެލެނިވެރިޔާ ކުއްޖާގާތު އެތައް ފަހަރަކު އެކަން ކުރަން ބުނެފައި އޮވެދާނެއެވެ. އެކަމަކު ކުއްޖާގާތު އެކަން ކުރާނެގޮތް ތަފްސީލްކޮށް ކިޔައި ނުދެވި އޮތްނަމަ ދެކަންފަތް ހުއްޓަސް ބެލެނިވެރިޔާ ބޭނުންވާގޮތަށް އެކަމެއް ކުރަން ކުއްޖާއަށް ނޭގިދާނެއެވެ.

ކަންތައްތައް ކުރުމުގައި ކުދިންގެ އެއްބާރުލުން ހޯދުމަށްޓަކައި ކުދިންނާ މުޚާތަބު ކުރެވޭ ގޮތް ވަރަށް މުޙިންމެވެ. އެދެވޭ ގޮތަކަށް ކުދިންނާ މުޙާތަބު ކުރެވޭނަމަ އެދެވޭ ނަތީޖާ ފެންނާނެއެވެ. ރުޅި އައިސް އެއްޗެތި ގޮވާނަމަ ތިމާގެ ދަރިފުޅު ދެރަވެދާނެކަން ޚުދު ތިބާވެސް ދަންނަންޖެހެއެވެ.

ކުއްޖާއާ ވާހަކަ ދައްކާއިރު ގާތްވެލުމަށްފަހު އޭނާއާ އެއްވަރަށް ތިރިވެލާ އަދި ހަތަރުކަޅި ހަމަކޮށްލުމަށްފަހު އޭނާގެ ނަން ބޭނުންކޮށްގެން ވާހަކަދެއްކުން ވަރަށް މުހިއްމެވެ.

ކުއްޖާ ލައްވައި ކަމެއް ކުރުވާނަމަ ކުރަން ހަވާލުކުރި ކަމެއް  ކުރޭތޯ ބަލަން އިރުކޮޅަކު ކައިރީގައި މަޑުކޮށްލާށެވެ. އަދި ބުނެފައިވާ ގޮތަށް ކަންތައް ކުރަން ފެށުމުން ތައުރީފްކޮށް ހިތްވަރުދޭށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް