ނިޔަފަތި ނުކަނޑައި 40 ދުވަހަށްވުރެ ގިނައިން ބެހެއްޓުން

ނަބަވީ އިރުޝާދުތަކުން އެނގޭގޮތުގައި ނިޔަފަތި ކެނޑުމަކީ ފިތުރަތުގެ ތެރެއިންވާ ކަމެކެވެ. މާތްﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވެ އެވެ. ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާ ހަދީޘްކުރެ...

09 Sep 2020 | 11:37

ނަބަވީ އިރުޝާދުތަކުން އެނގޭގޮތުގައި ނިޔަފަތި ކެނޑުމަކީ ފިތުރަތުގެ ތެރެއިންވާ ކަމެކެވެ. މާތްﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވެ އެވެ. ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާ ހަދީޘްކުރެއްވި އެވެ.

” الْفِطْرَةُ خَمْسٌ الِاخْتِتَانُ وَالِاسْتِحْدَادُ وَقَصُّ الشَّارِبِ وَتَقْلِيمُ الْأَظْفَارِ وَنَتْفُ الْإِبِطِ”

މާނައަކީ؛ ފިތުރަތުގެ ތެރެއިންވާ ފަސް ކަމެއްވެ އެވެ. ހިތާނުކުރުމާއި، އައުރައިގެ ވަށައިގެންވާ އިސްތަށި ބޭލުމާއި، މަތިމަސް ކޮށުމާއި، ނިޔަފަތި ކެނޑުމާއި، ކިހިލިފަތުގެ އިސްތަށީ ވަކިކުރުމެވެ.” (މުސްލިމް)

ބައެއް ދަންނަ ބޭކަލުން ހުކުރުދުވަހު މެންދުރުކުރިން ނިޔަފަތި ކެނޑުން މުސްތަހައްބުކަމުގައި ވިދާޅުވެ އެވެ. އެއީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ހުކުރު ދުވަހު ނިޔަފަތި ކެނޑުއްވުމާއި، މަތިމަސް ކޮށްޓެވުމަށް ލޯބި ކުރައްވާ ކަމުގައި އައިސްފައިވާ ރިވާޔަތެއްކަން ބުރަވެލައްވަ އެވެ. މި ހަދީޘަކީ ޒައީފު ހަދީޘެއްނަމަވެސް މި ހަދީޘް ބާރުއަޅާ އެހެން ރިވާޔަތްވެސް އައިސްފައިވާތީ އެވެ. އަދި ނިޔަފަތި ނުކަނޑައި ސާޅީސް ދުވަހަށްވުރެ އިތުރު ކުރުމަކީ ހުއްދަކަމެއް ނޫނެވެ. އެހެނީ މާތް ރުއްސުންލެއްވި އަނަސްގެފާނު ވިދާޅުވި އެވެ.

. ” وُقِّتَ لَنَا فِي قَصِّ الشَّارِبِ وَتَقْلِيمِ الْأَظْفَارِ وَنَتْفِ الْإِبِطِ وَحَلْقِ الْعَانَةِ أَنْ لَا نَتْرُكَ أَكْثَرَ مِنْ أَرْبَعِينَ لَيْلَةً” ( مسلم )

މަތިމަސް ކުރުކުރުމާއި ނިޔަފަތި ކެނޑުމާއި ކިހިލިފަތިން އިސްތަށީ ވަކިކުރުމާއި އާނަތު (ލަނޑުވެތި ގުނަވަން) ބޭލުމާއި، (މިކަން ނުކޮށް) ސާޅީސް ރެއަށްވުރެ އިތުރު ނުކުރުމަށް އަހަރެމެންނަށް އެންގެވިގެންވެ އެވެ.” (އެބަހީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ އަންގަވާފައިވެ އެވެ.) (މުސްލިމް)

ނިޔަފަތި ކެނޑުމުގެ ތަރުތީބާއި ބެހޭޣޮތުން އެއްވެސް ރިވާޔަތެއް ސައްހަވެގެން ނުވާ ކަމުގައި ދަންނަބޭކަލުން ވިދާޅުވެ އެވެ. ނަމަވެސް ކަނާތް އިސްކުރެއްވުން މުސްތަހައްބު ކަމުގައި އިލްމުވެރިން ވިދާޅުވެ އެވެ. އެއީ ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާއި ޝަރަވެރި ކޮންމެ ކަމެއްގައި ކަނާތްކިބަ އިސްކުރައްވަ އެވެ. -والله أعلم –

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް