ރަޝިއާގައި އުފައްދާ ވެކްސިން އެގައުމުގެ ޢާންމުންގެ ގަޔަށް ޖެހުމުގެ ތައްޔާރީތައް ފަށައިފި

ކޮވިޑް ބަލިން ރައްކާތެރިވުމަށް ރަޝިއާ އިން އުފައްދާފައިވާ ވެކްސިން އެގައުމުގެ ރައްޔިތުންގެ ގަޔަށް ޖެހުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ. އެގައުމުގެ ސިއްހީ ވުޒާރާއާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން އެ...

09 Sep 2020 | 06:16

ކޮވިޑް ބަލިން ރައްކާތެރިވުމަށް ރަޝިއާ އިން އުފައްދާފައިވާ ވެކްސިން އެގައުމުގެ ރައްޔިތުންގެ ގަޔަށް ޖެހުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

އެގައުމުގެ ސިއްހީ ވުޒާރާއާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން އެ ވެކްސިންގެ ފުރަތަމަ ބެޗު މިހާރުވަނީ އެގައުމުގެ އެކި ސަރަހައްދުތަކަށް ފޮނުވާފައެވެ. އަދި ވެކްސިންގެ ފުރަތަމަ ބުރު ފަށާނީ ހުރިހާ ސަރަހައްދަކަށް ވެކްސިން ފޮނުވާ ނިމުމުންނެވެ.

އެގައުމުގައި ވެކްސިން އުފައްދާ އެންމެ މަޝްހޫރު މަރުކަޒު "ނިކޮލައި ގަމާލެޔާ ނެޝަނަލް ރިސަރޗް ސެންޓަރ ފޯ އެޕިޑެމިއޮލޮޖީ އެންޑް މައިކްރޯބަޔޮލޮޖީ" އިން އުފައްދައި ރަޖިސްޓްރީކޮށްފައިވާ ކޮވިޑް- 19ގެ ވެކްސިނަށް ދީފައިވާ ނަމަކީ "ސްޕޮޓްނިކް ވީ" އެވެ.

ރަޝިއާއިން އުފެއްދި "ސްޕޮޓްނިކް ވީ" އަކީ ކޮވިޑް- 19 އަށް އުފައްދާ ވެކްސިންތަކުގެ ތެރެއިން ތަޖުރިބާގެ މަރުހަލާތައް ނިންމުމަށްފަހު، ރަޖިސްޓްރީކުރި ފުރަތަމަ ވެކްސިނެވެ.

ދުނިޔޭގެ ގައުމުތަކުން މިވެކްސިންގެ އެއްބިލިޔަން ޑޯޒަށް މިހާރުވަނީ އޯޑަރުކޮށްފައެވެ. އެހެންވެ، ވެކްސިން ބޭރު ގައުމުތަކަށް އެކްސްޕޯޓް ކުރުމުގެ ކުރިން ކުރަން ޖެހޭ އެންމެ ފަހުގެ ތަޖްރިބާވެސް އެގައުމުން މިހާރުވަނީ ފަށާފައެވެ.

ރަޝިއާގެ ވެކްސިން ހޯދުމަށް އޯޑަރުދީފައިވާ ގައުމުތަކޔގެ ތެރޭގައި މެކްސިކޯ، ތަޖަކިސްތާން، ކިރުގިސްތާން، އާމީނިއާ، ބެލަރޫސް، ބްރެޒިލް، އިންޑިއާ، ޔުނައިޓެޑް އަރަބް އިމަރޭޓްސް، ސައޫދީ އަރަބިޔާ ފިލިޕީންސް، އިންޑޮނޭޝިޔާ އާއި އެފްރިކާގެ ބައެއް ގައުމުތައް ހިމެނެއެވެ.

މި އަހަރުގެ ޑިސެމްބަރުގެ ކުރިން 200 މިލިއަން ޑޯޒް އުފެއްދުމުގެ މަސައްކަތް ރަޝިއާއިން އަންނަނީ ކުރަމުންނެވެ. އަދި އޭގެތެރެއިން 30 މިލިއަން ޑޯޒު ދިނުމަށް ނިންމާފައިވަނީ އެގައުމުގެ ރައްޔިތުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް