ބޮލީވުޑްގައި ކުރި އަރަމުން އައި ބަތަލް ސުޝާންތު ސިންގް ރާޖްޕުޓްގެ މަރުގެ މައްސަލަ މަސްތުވާތަކެތީގެ ބޮޑު މައްސަލަ ގަނޑެއްގެ ތެރެއަށް މިސްރާބު ޖަހާފައި ވަނިކޮށް އޭނާގެ ދިފާއުގައި އެންމެ ވަރުގަދައަށް މަސައްކަތް ކުރާ ބަލަތާ ކަންގަނާ ރަނާވަތަށް މަސްތުވާތަކެތީގެ ބޮޑު ތުހުމަތެއް ކޮށްފި އެވެ.
އޭނާއަށް މި ތުހުމަތުތައް ކޮށްފައިވަނީ އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓްގެ ހޯމް މިނިސްޓަރު އަނިލް ދޭޝްމުކެވެ. އަނިލް މީޑިއާގައި ވިދާޅުވީ ބޮލީވުޑް ތަރިން މަސްތުވާތަކެތި ބޭނުން ކުރުމަކީ އާންމު ކަމެއް ކަމަށާއި ކަންގަނާ މީގެ ކުރިން އެއް ދުވަހު މަސްތުވެގެން ހުރެ އޭނާއަށް މަސްތުވާތަކެތި ބޭނުން ކުރުމަށް މަޖުބޫރު ކުރި ކަމަށެވެ.
މި މައްސަލަ ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފައި އެވެ.
މި މައްސަލައިގަ މާ ހާސްނުވާކަން ހާމަކޮށް ކަންގަނާ ޓުވިޓާގައި ބުނީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރާނަމަ އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ. އޭނާ މަސްތުވާތަކެތި ބޭނުން ކުރޭތޯ ބަލަން ޓެސްޓު ހަދައި މަސްތުވާތަކެތީގެ ނެޓްވޯކަކާއި ކަންގަނާ ގުޅުން އޮވޭތޯ ބަލަން ކޯލް ރެކޯޑުތައް ބަލައި ތަހުގީގު ކުރުމަށް އެދޭ ކަމަށް ކަންގަނާ ބުނެފައިވެ އެވެ.
އަނިލްއަށް ޗެލެންޗުކޮށް ކަންގަނާ ބުނެފައިވާގޮތުގައި އެފަދަ އެއްވެސް ކަމެއް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ ފިލްމީ ދާއިރާގައި މަސައްކަތް ކުރުން ހުއްޓާލައި މުމްބާއީ ދޫކޮށް ދިއުމުގެ އިތުރުން އަމިއްލަ ކުށަށް އިއުތިރާފުވާނެ ކަމަށެވެ.
ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ވަނީ މަސްތުވާތަކެތީގެ މައްސަލައިގަ އިއްޔެ ހައްޔަރުކޮށްފައި އެވެ. އޭނާގެ މައްޗަށް މުމްބާއީ ނާކޮޓިކްސް ބިއުރޯއިން ތުހުމަތުކޮށްފައިވަނީ ބޭބެ ޝޯވިކް ޗަކްރަބަތީ އަތުން ސުޝާންތަށް މަސްތުވާތަކެތި ގަނެދީފައިވާ ކަމުގެ ތުހުމަތެވެ.
ޝޯވިކް އަކީ މުމްބާއީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއް ކަމަށް އޭނާ ހައްޔަރު ކުރުމުން ވަނީ އެއްބަސްވެފައި އެވެ. ރިއާ މީގެ ކުރިން މީޑިއާގައި ބުނެފައިވާގޮތުގައި ސުޝާންތަކީ ކޮންމެ ދުވަހަކު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މަރުޖުވާނާ ބޭނުން ކުރާ މީހެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް