ލުބުނާންގެ ވެރިރަށް ބެއިރޫތްގެ ވިޔަފާރި ބަނދަރުގައި ހުރި ކެމިކަލް ގުދަނަ ގޮވި ގޮތް ކަމަށް ބެލެވޭ ގޮތްތަކެއް ހާމަ ކުރަން ފަށައިފި އެވެ.
މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ހިނގި މި ހާދިސާ އަކީ ދުނިޔޭގައި މިހާތަނަށް ގޮވި މިފަދަ އެންމެ ބާރު ގަދަ ގޮވުމެވެ. މި ގޮވުމުގެ އަސަރު 150 މޭލު ދުރަށް ކޮށްފައިވެ އެވެ.
އެ ގުދަން ގޮވަން ޖެހުނު ގޮތް މިހާތަނަށް ހޯދިފައި ނުވިނަމަވެސް ލަފާ ކުރުންތަކެއް މިހާރު ދަނީ ލުބުނާނު ސަރުކާޜުގެ އިސްވެރިން ހާމަ ކުރައްވަމުންނެވެ. އެގޮތުން އެ ގައުމުގެ ރައީސް މިޝައިލް އަޔޫން ވިދާޅުވީ ކެމިލަލް ގުދަން ގޮވީ ފަރުވާ ކުޑަވެގެން ނުވަތަ ގުދަނުގެ ބޭރުން ކޮންމެވެސް ބަޔަކު ބޮމެއް ގޮއްވާލައިގެން ކަމަށް ވެދާނެ ކަމެއް ކަމަށެވެ.
ރައީސް އަޔޫން މިހެން ވިދާޅުވި ނަމަވެސް އެ ގައުމުގައި އެ މައްސަލަ ތަހުގީގު ކުރަމުންދާ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި ގުދަނުގައި ރޯވީ ބަނދަރުގައި ހިނގި އަލިފާނުގެ ހާދިސާއަކުންނެވެ.
މިހާތަނަށް މި މައްސަލައިގެ ތަހުގީގަށް ހައްޔަރު ކުރި މީހުންގެ ތެރޭގައި އެ ހާދިސާ ހިނގި ބަނދަރުގެ ވެރިޔާ އާއި ބެއިރޫތްގެ ކަސްޓަމްސްގެ ވެރިޔާ އަދި އެ ބަނދަރުގެ 17 މުވައްޒަފަކު ހިމެނެ އެވެ. މީގެ އިތުރުން ކަސްޓަމްސްގެ ކުރީގެ ވެރިޔާވެސް ހައްޔަރުކޮށްފައިވެ އެވެ.
ކެމިކަލް ގުދަން ގޮވި ހާދިސާ އާއި ގުޅިގެން ގިނަ ގައުމުތަކުގެ ބައިވެރިވުމާއި އެކު ތަހުގީގެއް ކުރިއަށް ގެންދަން ބޮޑެތި ގައުމުތަކުން ދަނީ ގޮވާލަމުންނެވެ. އެކަމަކު ލުބުނާން ސަރުކާރުން ބުނެފައި ވަނީ އެ މައްސަލައިގެ ތަހުގީގު ކުރިޔަށް ގެންދާނީ އެގައުމުން އަމިއްލައަށް ކަމަށެވެ.
މިހާދިސާގައި 158 މީހުން މަރުވެ 6،000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެ އެވެ. އަދި ބެއިރޫތުގެ ތިން ލައްކައަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވެ އެވެ.
މި ހާދިސާގައި އެތައް އިމާރާތެއް ބިމާހަމަވެފައިވާއިރު ގޮވުމުގެ ބާރު ގަދަވުމުން ބިންގަނޑު ގުޑައި އެތައް އިމާރާތެއްގެ ބިއްލުރިތަކާއި ދޮރުތަކާއި ފަރުނީޗަރާއި އެނޫން ތަކެއްޗަށް ބޮޑެތި ގެއްލުންވެފައިވެ އެވެ.
މި ހާދިސާގައި އެ ގުދަނުގައި ހަ އަހަރު ވަންދެން ރައްކާކޮށްފައިހުރި ކެމިކަލްގެ ބާވަތެއް ކަމަށްވާ އެމޯނިއަމް ނައިޓްރޭޓުގެ 2،750 ޓަނު ގޮވާފައިވާކަމަށް ލުބުނާނު ސަރުކާރުން ބުނެފައިވެ އެވެ. އެމޯނިއަމް ނައިޓްރޭޓަކީ ގަސްކާނާ ހެދުމުގައި އާންމުކޮށް ބޭނުންކުރާ އިންޑަސްޓްރިއަލް ކެމިކަލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް