އުތުރަށް ކުރަމުންދާ ވިއްސާރައިގަ ކުޅުދުއްފުށީ ސިޓީއަށް ބޯކޮށް ވާރޭވެހި ބައެއް ގޭގެއަށް ފެން ވަދެއްޖެ އެވެ.
އެމްއެންޑީއެފް ނޮދާން އޭރިއާ ކުޅުދުއްފުށީ ޕޯސްޓަށް ހާދިސާގެ ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 9:40 ހާއިރު އެވެ. އެމްއެންޑީއެފުން ބުނީ އެ ސިޓީގެ ބޮޑެތި ގިނަ މަގުތަކެއްގައި ފެންބޮޑުވެފައިވާ ކަމަށެވެ.
މި ހާދިސާގައި ފަސް ގެއަކަށް ފެން ވަދެފައިވެ އެވެ. އެ ގެތަކުން ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން މަގުތަކުގައި ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ އުތުރުގެ އަތޮޅުތަކަށް ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެ އެވެ. މިދިޔަ ހަތަރު ވަރަކަށް ދުވަހު އުތުރުގެ އަތޮޅުތަކަށް ދަނީ ވަރަށް ބޮޑަށް ވިއްސާރަ ކުރަމުންނެވެ.
މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ޅ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓު ނެރެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް