ބ. ކަމަދޫއިން އިތުރު މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
ހެލްތް އެމަޖެންސީ އޮަޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ޕޮސިޓީވްވެފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ބައްޔަށް ޕޮސިޓިވްކަން އެނގުނީ ހޯމް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމުން ކޯވިޑަށް ޓެސްޓު ކުރުމުންނެވެ.
އެމީހާ ޓެސްޓުގެ ނަތީޖާ ލިބުނީ މިއަދު އެވެ.
މިއީ ކަމަދޫއިން ކޯވިޑަށް ޕޮސިޓިވްވި ދެ ވަނަ މީހާ އެވެ. ފުރަތަމަ މީހާ ޕޮސިޓިވްކަން އެނގުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެ ރަށުގައި ހޯމް ކަރަންޓީންގައި ގާތްގަނޑަކަށް ނުވަ ވަރަކަށް މީހުން އެބަތިއްބެވެ.
ކަމަދޫއިން މިއަދު މީހަކު ޕޮސިޓިވްވި އިރު އައްޑޫ ސިޓީން ރޭ އަދި މިއަދު ވަނީ ދެ މީހަކު ކޯވިޑަށް ޕޮސިޓިވްވެފައި އެވެ. އަތޮޅު ތެރެއިން އެންމެ ގިނައިން ޕޮސިޓިވްވަމުން ދަނީ ހޯމް ކަރަންޓީންގައި ތިބި މީހުންނެވެ.
އެޗްޕީއޭއިން ބުނީ ހޯމް ކަރަންޓީންގެ ގަވައިދާ އެއްގޮތަށް ކަރަންޓީންގައި ތިބޭ މީހުން އަމަލު ކޮށްފައިވާނަމަ މުއްދަތު ހަމަވުމުން ޓެސްޓު ކުރާއިރު ކޯވިޑަށް ޕޮސިޓިވްވިޔަސް ރަށަށް ބަލި ފެތުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.
މާލޭގެ އިތުރުން މިހާތަނަށް ކޯވިޑް ޖެހިފައިވާ މީހުން ތިބީ 13 ރަށެއްގައި އެވެ. އަދި ފުނަދޫ އާއި އޭދަފުށީ ފެސިލިޓީގައި ދަނީ ކޯވިޑް ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ ބަޔަކަށް ފަރުވާ ދެމުންނެވެ.
މިހާތަނަށް ރާއްޖެއިން ބައްޔަށް ޕޮސިޓިވްވެފައިވަނީ 4،895 މީހުންނެވެ. އޭގެ ތެރެއިން 2،791 މީހުން ރަނގަޅުވެފައިވާއިރު 19 މީހަކު ވަނީ މި ބަލީގައި މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް