ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.
އޭނާ އެޑްމިޓްކުރީ ނޭވާލާން އުނދަގޫވެ މެއަށް ތަދެއް އަރައިގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ސަންޖޭއަށް ފަރުވާ ދެމުންދަނީ މުމްބާއީގެ ލިލަވަތީ ހޮސްޕިޓަލުގައި އެވެ.
ސަންޖޭ އެޑްމިޓް ކުރުމާއި ގުޅިގެން އޭނާގެ ސަޕޯޓަރުން ކަންބޮޑުވާން ފެށުމުން އޭނާ ޓުވިޓާގައި ބުނެފައި ވަނީ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި މިހާރު އެޑްމިޓްކޮށްފައި އޮތީ އޮބްޒަވޭޝަންގައި ކަމަށް ބުނެފައިވެ އެވެ.
ނޭވާލާން އުނދަގޫވެގެން ގެންދިއުމުން ހޮސްޕިޓަލުން ވަނީ ވަގުތުން ސަންޖޭ ކޯވިޑް-19 އަށް ޓެސްޓުކޮށްފައި އެވެ. އެކަމަކު ނަތީޖާ ނެގެޓިވް ކަމަށް އެ ހޮސްޕިޓަލާއި ހަވާލާދީ ސަންޖޭ ދަތު ބުނެފައިވެ އެވެ.
އޮބަޒްވޭޝަނަށް ފަހު ސަންޖޭ ދެ ދުވަހެއްގެ ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލާނެ އެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު 61 އަހަރުވި ސަންޖޭ މީގެ ކުރިން މީޑިއާގައި ބުނެފައިވަނީ މިފަހަކަށް އައިސް އޭނާގެ އޮކްސިޖަލް ލެވެލް ދައްވާ ކަމަށެވެ.
ސަންޖޭ ދަތު ދެން އެންމެ އަވަހަށް ފެންނާނީ މިމަހުގެ 28 ގައި ރިލީޒް ކުރާ ފިލްމު "ސަދަކް" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް