ރާއްޖޭގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އިއުލާނު ކުރެވުނު ލޮކްޑައުނަށް ދިން ލުއިތަކާ ގުޅިގެން ނުކުތް ނަތީޖާތަކަށް ބިނާކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި އަމަލު ކުރަން ނިންމާނެ ގޮތްތަކާ ގުޅޭގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކަމާގުޅޭ އިދާރާތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްގެންގޮސްފައި ވަަނީ މިއަދު ހަވީރު ރައީސް އޮފީހުގައެވެ. ރައީސް އޮފީހުން ވިދާޅުވީ، މި ބައްދަލުކުރެއްވުމުކީ ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު އުވާލުމަށްފަހު ކޮވިޑް-19 ގެ ޙާލަތު ބަދަލުވަމުންދާ ގޮތް ގާތުން ބެއްލެވުމަށް ސިލްސިލާ ގޮތަކަށް ބާއްވަވަމުން ގެންދަވާ ބައްދަލުކުރެއްވުމެއްް ކަމަށެެވެ.
އެގޮތުން މި ބައްދަލުކުރެއްވުމުގައި އާންމު ދިރިއުޅުން ބަހައްޓަންވީ ގޮތްތަކާއި، މީހުން ހޭލުންތެރިވެ ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން މަޝްވަރާ ކުރެވިގެން ދިޔަ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މީގެ އިތުރުން، ސިއްހީ ދާއިރާއިން މިކަމަށް ވަމުންދާ ތައްޔާރީތަކާއި، ދިމާވާ ގޮންޖެހުންތަކުގެ އިތުރުން މި ކަންކަމުގައި ކުރިއަށްދާނެ ގޮތްތަކާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގެ ބައިވެރީންނާ ރައީސް ސޯލިހު ވަނީ މަޝްވަރާ ކުރައްވައިފައެވެ.
އޭޕްރީލް 15 ވަނަ ދުވަހު، މާލެއިން އެ ބައްޔަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން މުޅި މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށްފަހު، އެ ހާލަތު ލުއިކޮށްފައިވަނީ މިދިއަ މަހުގެ 15 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް