އޭޑީކޭއިން ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ އެންޓީބޮޑީ ޓެސްޓު ހަދައިދެނީ

އޭޑީކޭ ހޮސްޕިޓަލުން ކޯވިޑް-19 ފެތުރެމުންދާ މި ދުވަސް ވަރު ފްރޮންޓްލައިންގައި މަސައްކަތް ކުރަމުންދާ މީހުންނާއި އެމީހުންގެ އާއިލާތަށް އެންޓީ ބޮޑީ ޓެސްޓު ހަދައިދޭން ނިންމައިފި އެވެ. އެ ހޮސްޕިޓަލުން ނެރެފ...

09 Jul 2020 | 16:24

އޭޑީކޭ ހޮސްޕިޓަލުން ކޯވިޑް-19 ފެތުރެމުންދާ މި ދުވަސް ވަރު ފްރޮންޓްލައިންގައި މަސައްކަތް ކުރަމުންދާ މީހުންނާއި އެމީހުންގެ އާއިލާތަށް އެންޓީ ބޮޑީ ޓެސްޓު ހަދައިދޭން ނިންމައިފި އެވެ.

އެ ހޮސްޕިޓަލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެންޓީ ބޮޑީ ޓެސްޓު ފްރޮންޓްލައިންގައި މަސައްކަތް ކުރާ3،000 މީހުންނަށް ހިލޭ ހަދައިދޭން ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި ސިއްހީ ދާއިރާގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނާއި ޑެލިވަރީ ފަދަ ކަންކަމުގައި މަގުމަތީގައި އުޅެން ޖެހިފައިވާ މީހުންނާއި އެމީހުންގެ އާއިލާތަކުގެ މެމްބަރުން ހިމެނެ އެވެ.

އޭޑީކޭއިން އެ ފަރާތްތަކުގެ އެންޓީ ބޮޑީ ޓެސްޓު ހަދައިދޭން ނިންމީ ގިނަ ބަޔަކު އެކަމަށް އެދެމުންދާތީ ކަމަށެވެ. އެ ހޮސްޕިޓަލުން ބުނީ ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރާ ބުރަ މަސައްކަތުގެ ކުރީ ސަފުގައި މަސައްކަތްކުރާ އެތައް ބައެއް ބައްޔަށް ހުށަހެޅިފައި ތިބުމަކީ ގާތް ކަމެއް ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލްގައި މި ޓެސްޓު ހަދާނީ ރޯޗް ކޯބާސް އެލެކްސިސް އީ411 އިމިއުނޯ އެނަލައިޒާ ބޭނުންކޮށްގެން ނެވެ. ކޯވިޑް-19 ގެ އެންޓިބޮޑީ ޓެސްޓު ކުރުމުގެ މަސައްކަތުގައި ބޭނުންކުރާނެ އުސޫލުތައް ކަނޑައަޅާ އެކަމަށް އެކުލަވާލާ ތާވަލެއްގެ ދަށުން ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަންނަ ހަފްތާގެ ތެރޭގައ ިޓެސްޓު ކުރަން ފެށޭނެ ކަމަށްވެސް އޭޑީކޭ އިން ބުންޏެވެ.

އާންމުކޮށް އޭޑިކޭގައި ކޯވިޑަށް ޓެސްޓެއް ހަދައިިދޭ އަގަކީ 675 ރުފިޔާ އެވެ. އެ ހޮސްޕިޓަލުން ކޯވިޑަށް ޓެސްޓު ކުރަމުންދަނީ އައިޖީއެމްއެޗުން ފޮނުވާ ސާމްޕަލް ތަކާއި އެ ހޮސްޕިޓަލްގައި އެޑްމިޓް ކުރާ ފަރާތްތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް