މަނީލޯންޑަރިންގެ ކުށް ސާބިތުވެ ކުރި ހުކުމާއި އެކު ކުރި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ދައުލަތަށް ނުދައްކައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވައިގެން ކޯޓަށް ދާން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
އޭޖީ އޮފީހުން މީޑިއާގައި ބުނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމުގެ އިތުރުން ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި އެވެ. އެ ފައިސާ ދެއްކުމަށް އަންގާފައިވަނީ ހަ މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ.
އެ މުއްދަތު ހަމަވެފައިވާއިރު މިހާތަނަށްވެސް ރައީސް ޔާމީން އެ ފައިސާ ދައްކަވާފައެއް ނުވެ އެވެ. ޔާމީން މިވަގުތު ހުންނެވީ ހުކުމް ތަންފީޒު ކުރެއްވުމަށް މާފުށީ ޖަލުގައި އެވެ.
ޔާމީނަށް އިއްވި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ. އެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ޔާމީން މިނިވަން ކުރަން ހައި ކޯޓުގައި އެދުނަސް، އެ ކޯޓުން ނިންމާފައި އޮތީ ކަފާލާތު ނުދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް