މިއަދަށް ތާވަލް ކުރި އަދީބުގެ ޝަރީއަތް ކެންސަލްކޮޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި މިއަދަށް ތާވަލް ކުރުމަށް ފަހު ކެންސަލްކޮށްފި އެވެ. އަދީބުގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރި...

09 Jul 2020 | 08:42

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި މިއަދަށް ތާވަލް ކުރުމަށް ފަހު ކެންސަލްކޮށްފި އެވެ.

އަދީބުގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއެކެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެއް އަދީބާއި ދެކޮޅަށް ދައުލަތުން އުފުލާފައިވެ އެވެ.

މި މައްސަލަތަކުގެ ޝަރީއަތް ތާވަލްކޮށްފަިއ އޮތީ މިއަދު މެންދުރު 1:00 އަށެވެ.

ކްރިމިނަލް ކޯޓުން މީޑިއާގައި ބުނެފައިވަނީ އަޑުއެހުން ކެންސަލް ކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް މިއަދު ޑިސްއިންފެކްޓު ކުރާތީ ވަކީލުންނަށް އޮފީހަށް ގޮސް ވީޑިއޯ ކޮންފަރެންސް ކޯލު މެދުވެރިކޮށް ބައިވެރިނުވެވޭނެތީ އެވެ. އަދި އަޑުއެހުމުގެ ގަޑި މެންދުރު ފަހު 3:00 އަށް ބަދަލުކުރިއަސް އެ ގަޑީގައި ޖަލުގެ ވީޑިއޯ ކޮންފަރެންސް ކޮޓަރި ބޭނުން ނުކުވެން ނެތް ކަމަށް އަންގާފައިވާތީ އެވެ.

އަދީބު ޕީޖީއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ހިޔާތާއި ގުޅުން ހުރި މައްސަލަތަކުގައި އަދީބު ދައުވާއަށް އިއުތިރާފުވާނެ ކަމަށް މީގެ ކުރިން ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އިއުތިރާފުވުމުން އެ މައްސަލަތަކުގައި އޭނާގެ މައްޗަށް އެންމެ ގިނަވެގެން އަންނާނީ ޖުމްލަ ވިހި އަހަރުގެ ޖަލު ހުކުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް