އެތައް ވަގުތުގެ ބުރަ މަސައްކަތަށްފަހު އޭޑީކޭ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޒާރާގެ ރައްޓެއްސަކާ ގުޅާލެވުމަށްފަހު އާދިލް އަށް ފަރުވާދެމުން ދަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ކަން އޭނާއަށް އެނގުނެވެ. ލިބިފައިވާ ގެއްލުންތައް އެންމެ ފުރިހަމައަށް އޮޅުން ނުފިލިނަމަވެސް، ހާލު ސީރިއަސްކަން އެނގުނު ހިސާބުން ޒާރާގެ ހަށިގަނޑުބެ ބާރު ދޫވެ ބޮލަށް އެނބުރުންއަރާ އަރިއަޅާލިއެވެ. ވެއްޓެމުންދިޔަވަގުތު ހިމާޔަތަށްއެދި ހުރާލެވުނު އަތުން، ހިފަހައްޓާލެވުނީ ގާތުގައިހުރި ސައިޑް ޓޭބަލްމަތީގައި ބަހައްޓާފައިވާ ބިއްލޫރި ގުލްދަސްތާގައެވެ. ދަންވަރުގެ ހަމަހިމޭން ކަމުގެ ތެރެއިން އެ ގުލްދަސްތާ ވެއްޓި ކުދިކުދިވި އަޑާއެކު ޒާރާގެ ހަށިގަނޑުވެސް ތަޅުންމައްތީގައި އެއްވެސް ހަރކާތެއްނެތި ހަމަހިމޭން ވެއްޖެއެވެ.
ނުނިދިގެން އެނދުގައި ފުރޮޅި ފުރޮޅި އޮތް ހާމިދަށް، ޒާރާގެ ކޮޓަރިތެރެއިން އިވުނު އަޑުފައްގަނޑު، ރަނގަޅަށް އިވުނެވެ. ނިދޭތޯ މަރާލާއިގެން އޮތް ދެލޯ ހުޅުވާލެވުމާއެކު ފުންމައިގެން ތެދުވެވުނީ، އެ އަޑު އައީ ކޮން ދިމާލަކުންތޯ ޔަގީން ކުރުމަށެވެ. ހަރުގަނޑުގައި އޮތްޓީޝާޓް ގަޔަށް ވައްޓާލުމާއެކު އަވަސް ފިޔަވަޅުތަކެއް އަޅަމުން ހާމިދު ކޮޓަރިން ނިކުތެވެ. ސިޓިންރޫމްގެ ސޯފާގައި ޒައިދު އޮތީ ގަދަ ނިދީގައެވެ. ދެކަންފަތަށް ހެޑްސެޓް ޖަހައިގެން ފިލްމެއް ބަލަން އޮވެ ނިދުމަކީ ޒައިދުގެ އާދައެކެވެ. ތަކުރާރުކޮށް އެހެން ނުހަދަން ނަސޭހަތްތެރިވި ނަމަވެސް އެކަމަކީ ބަދަލެއް ނުވިކަމެކެވެ.
ދިމާކުރިމަތިން ހުރި ޒާރާގެ ކޮޓަރިއާ ދިމާއަށް ހާމިދުގެ ނަޒަރު ސީދާވިއެވެ. ކުޑަދޮރުގެ ތޭރިތަކުން ފެންނަމުންދާ ގަދައަލީގެ ސަބަބުން ޒާރާ ހޭލާ އުޅެނީ ކަމުގައި ހާމިދަށް ޔަގީން ކުރެވުނެވެ. އެ އިވުނު އަޑަކީ ޒާރާގެ ކޮޓަރިން އިވުނު އަޑެއްބާވައެވެ. ހާމިދު މަޑުމަޑުންގޮސް ޒާރާގެ ކޮޓަރީ ދޮރުކައިރީގައި ހުއްޓުނެވެ. ދޮރުގައި ދެފަހަރަކު ޓަކި ޖަހާލިއެވެ. ތަޅުގައި ހިފާލުމުން ކޮޓަރީ ތަޅު ނުލާ ހުރިކަން ފާހަގަ ވިއެވެ. ޒާރާ އަކީ ރޭނގަޑު ކޮޓަރި ތަޅު ނުލާ އުޅޭކުއްޖެއް ނޫނެވެ.
''ދަރިފުޅާ... ޒާރާ...'' ހާމިދު ގޮވާލިއެވެ. ޒާރާގެ ހަބަރެއް ނުވެ ހިނދުކޮޅެއް ހޭދަވުމަށްފަހު ދެވަނަ ފަހަރަށްވެސް ގޮވިއެވެ. އެއްވެސް ޚަބަރެއް ނުވުމުން އޭނާގެ ހިތް މަޖުބޫރު ކުރުވީ ދޮރު ހުޅުވާށެވެ. ތަޅުގެ އަތްގަނޑުގައި ހިފާ އަނބުރާލަމުން ދޮރުފަތް ކުޑަކޮށް ހުޅުވާލިއެވެ. ޒާރާގެ ހަށިގަނޑު ތަޅުންމައްޗަށް ދެމިފައިވާ މަންޒަރު ފެނުމާއެކު ހާމިދުގެ ތުރުތުރު އަޅައިގަތެވެ. ދެލޯ ބޮޑުވިއެވެ. ބުނާނެ އެއްޗެއް، ހަދާނެ ގޮތެއް ނޭނގި ހަށިގަނޑު ގަނޑުވިކަހަލައެވެ.
''މަގޭ ދަރިފުޅު..... '' ބިއްލޫރި ގުލްދަސްތާގެ އެތިކޮޅުތައް ތަޅުންމަތީގައި ވިއްސިވިހާލިވެފައިވާ އޮތެވެ. ހާމިދަށް ޒާރާ ވެއްޓިފައި އޮތްދިމާލަށް ދުއްވައިގަނެވުނީ ބޭއިޚްތިޔާރުގައެވެ.
ޒާރާގެ ގާތުގައި ކަކޫ މައްޗަށް އިށީނދެ ޒާރާގެ ބޯދަށަށް އަތްލައްވާލާ ހިފަހައްޓާލިއެވެ. ހަމަ އެ ސިކުންތުގައި އަތްދަމައިގަނެވުނީ އަތުގައި އޮލަ ދިޔަވަރެއް ހޭކުމުންނެވެ. އަތްތިލަ ފޯވެފައިވަނީ ޒާރާގެ ބޮލުން ފައިބަމުންދާ ލެއިންނެވެ. އެއްވެސް ހަރަކާތެއްނެތި ހުއްޓިފައިވާ އެ ހަށިގަނޑަށް ބަލަން ހާމިދަކަށް ނީނދެވުނެވެ. މުޅި މީހާ ހާސްވެ، ހަދާނެގޮތް ހުސްވެއްޖެއެވެ.
''ޒައިދޫ......... ނާޒިމާ..........'' ހާމިދު ޒާރާ ދޫކޮށްލުމަށްފަހު ތެދުވެގެން ދުވަމުން ތެޅެމުން ފޮޅުމުން ނިކުމެ ސިޓިންރޫމުގައި ނިދާފައިއޮތް ޒައިދަށް ގޮވިއެވެ. ޒައިދުގެ ކޮނޑުގައި ހިފާ ތަޅުވައިގަނެވުނީ ބޭނުންވި ވަރަށްވުރެ ބާރަށެވެ. ދެލޯ ހުޅުވާލެވުމާއެކު ޒައިދަށް ފެނުނީ ހާސްވެ ކަންބޮޑުވެފައިހުރި އޭނާގެ ބައްޕައެވެ.
''ބައްޕާ..... ކިހި.....'' ޒައިދުގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ހާމިދު އިނގިލިން އިޝާރާތް ކުރަމުން ޒާރާގެ ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ. ޒައިދު ކަންފަތަށް ޖަހާފައިވާ ހެޑްސެޓް ނައްޓާލަމުން އެދިމާލަށް ހިނގައިގަތެވެ.
ޒާރާގެ ހަބަރު ހުސްވެފައިވާ ހަށިގަނޑު ފެނުމާއެކު ޒައިދުގެ މޭގަނޑު އަތަށް އައިކަހަލައެވެ. ހާމިދުގެ އަތުގައިވާ ލޭތަކާއި، ޒާރާގެ ބޯދަށުން ދެމެމުން އަންނަ ލޭތައް ފެނުމުން ޒައިދުގެ ބޮލަށް އެނބުރުން އަރާގޮތް ވިއެވެ. ޒައިދަކީ އަބަދުވެސް ލޭ ފެނުމުން މޭބޮޑުވެ، ބޮލަށް އެނބުރުން އަރާ ކުއްޖެކެވެ. އެހެންނަމަވެސް އެވަގުތު ޒައިދު ހިތްވަރުކުރަން ބޭނުންވިއެވެ. ޒާރާގެ ގާތަށް ޖެހިލާ އަތުން ވިންދު ބާލާލިއެވެ. އަދި ނުހަނު އަވަހަށް އެމްބިއުލާންސަށް ގުޅާލިއެވެ. ހާމިދުގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބަމުންދިޔައިރު ލޯބިވާ ދަރިފުޅުގެ މައުސޫމު މޫނުން އޭނާގެ ނަޒަރު އެންމެ ސިކުންތަކަށްވެސް ވަކިކޮށް ނުލެވުނެވެ.
އެމްބިއުލާންސް ގޭކައިރިއަށް އަންނަން މާގިނަ ވަގުތެއް ނުނެގިއެވެ. ނާޒިމާ އަށް ގޮވަން ހަނދާން ނެތިފައި ހުރި ހާމިދު އަވަސްވެގަތީ ނާޒިމާއަށް ގޮވުމަށެވެ.
''ނާޒިމާ........ތެދުވެބަލަ.....'' ބިއްދޮށަށް އެނބުރި އޮތް ނާޒިމާގެ ކޮނޑުގައި ކޮއްޓާލަމުން ހާމިދު ގޮވާލިއެވެ. ތަކުރާރުކޮށް ގޮވައިފިއެވެ. ހަމަ އޮތްގޮތަށް ނާޒިމާ އޮތީއެވެ. ނާޒިމާއަކީ ނިދިގަދަ މީހެކެވެ. އެހެންނަމަވެސް މިވަގުތު ނާޒިމާގެ ނިދި ގަދަވުމުން ހާމިދު ރުޅި އަންނަގޮތް ވިއެވެ. ކެތްތެރިކަން އިސްކުރަން ކުރިމަސައްކަތް ބޭކާރުވެ، ނުތަނަވަސް ވެފައިވާ ހާމިދުގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރު ވެރިވެގެން ދިޔައެވެ. ނާޒިމާގެ ކޮނޑުގައިހިފާ މަގަތަށް އަނބުރާލެވުނީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ.
''ކިހިނެތް ވެގެންތަ ތިޔަ އުޅެނީ.....ހަމަޖެހިގެން ނިދާލެވެންވެސްނޯވޭ .....މިދެން ކިހާވަރުގަދަ ކަމެއް....'' ކުރުގެޅިލަމުން ރަޖާގަނޑު ރަނގަޅުކޮށްލަމުން ނާޒިމާ ލޯމަރާލީ ރުޅިވެރިކަމާ ފޫހިކަން މޫނުމައްޗަށް ވެރިކުރުވަމުންނެވެ.
''ޒާރާ ހަބަރު ހުސްވެފަ އޮތީ.. ހިނގާބަލަ އެމަންޖެ ގޮވައިގެން ހޮސްޕިޓަލަށްދާން....'' ކުރެހިފައިވާ އަޑަކުން ހާމިދަށް ބުނެވުނީ އާދޭހުގެ ރާގުގައެވެ.
''ޒާރާ ... ޒާރާ..... އެ ނޫން ނަމެއް ކަލެއަށް ކިޔަން ނޭނގެނީތަ.... ވެއްޓި ހަބަރު ހުސްވެފަ އޮތިއްޔާ ފެންއަޅާބަލަ،.... ކޮން ގަނޑެއް ގަންނަން ހަދައިގެންތަ ވެއްޓުނީ......'' ވަގުތާއި ހާލަތުގެ ނާޒުކުކަން ނާޒިމާ އަށް ވިސްނައިދޭނެ ގޮތެއް ހާމިދަކަށް ނުވިސްނުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް