ކޯވިޑް-19 އާއި ގުޅިގެން މާލޭ ސިޓީގައި އިއުލާނުކޮށްފައި އޮތް ލޮކްޑައުނަށް ލުއި ދިނުމުން ކޯވިޑް-19 ފެތުރެމުންދާ މިންވަރު ދެނެގަންނަން ފަށަން ނިންމައިފި އެވެ.
އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލި ފެތުރޭތޯ ބަލަން ކުރާ ދިރާސާއަށް ސާމްޕަލް ނަގަން ފަށާނީ އަންނަ ހަފްތާގައި ކަމަށެވެ. އޭނާ ވިދާޅުވީ ފަސް ކެޓަގަރީއަކުން މީހުންގެ ސާމްޕަލް ނަގާނެ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ އުމުރުން 60 އަހަރުގެ މަތީގެ މީހުންނާއި އުމުރުން 20 އަހަރާއި 39 އަހަރާއި ދެމެދުގެ މީހުން، ފޮރޮންޓްލައިންގައި މަސައްކަތް ކުރާ މީހުން، ޖަލުތައް ފަދަ ތަންތަނުގައި މަސައްކަތް ކުރާ އޮފިސަރުން އަދި ތޮއްޖެހި ކުދި ކުދި ތަންކޮޅުތަކުގައި ދިރިއުޅޭ މީހުންނެވެ. ޑރ. އަފްޒަލް ވިދާޅުވީ މީގެ ތެރެއިން ކޮންމެ ކެޓަގަރީއަކުންވެސް ޓެސްޓު ކުރާނީ ވަކި އަދަދަކަށް މީހުން ކަމަށެވެ.
އޭނާ ވިދާޅުވީ މީގެ ތެރެއިން ސާމްޕަލް ނެގުން އެންމެ އުނދަގޫ ވާނެ ކަމަށް ބެލެވެނީ އުމުރުން ދުވަސްވީ މީހުންގެ އެވެ. އެހެންވެ ޑރ. އަފްޒަލް ވަނީ މިފަހަރުވެސް އުމުރުން ދުވަސްވީ މީހުންގެ އާއިލާތަކުގެ ކިބައިން އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައި އެވެ.
މީގެ ކުރިން އުމުރުން ދުވަސްވީ މީހުންގެ މެދުގައި ބަލި ފެތުރޭތޯ ބަލަން ސާމްޕަލް ނަގަން ފެށުމަށް ފަހު ހުއްޓާލަން ޖެހުނީ އާއިލާތަކުން އެއްބާރުލުން ނުދީގެންނެވެ. އެފަހަރު ނެގުނީ މާލެއިން 105 ސާމްޕަލް އެކެވެ.
ޑޮކްޓަރު ވިދާޅުވީ އުމުރުން 20 އަހަރާއި 39 އަހަރާއި ދެމެދުގެ މީހުންގެ ސާމްޕަލް ވަކި ކެޓަގަރީއެއްގެ ގޮތުގައި ކަނޑައެޅީ މިހާތަނަށް ރާއްޖެއިން އެންމެ ގިނައިން ޕޮސިޓިވްވެފައިވާ އުމުރު ފުރާއަކީ އެއީ ކަމަށްވާތީ ކަމަށެވެ. އެ އުމުރު ފުރާގެ މީހުންގެ ސާމްޕަލް ނެގުމަށް އެއްބާރުލުން ލިބޭކަން ފާހަގަކޮށް އޭނާ ވިދާޅުވީ މި ފަހަރުގެ ސާމްޕަލްތައް ނެގުމަށް ހުރިހާ ފަރާތަކުންވެސް އެއްބާރުލުން ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މި ސާމްޕަލް ތަކުގެ ނަތީޖާއަށް ބަލައި ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުތަކެއް ގެންނަން ޖެހޭތީ ރާއްޖެއިން މި ބަލި ނައްތާލުމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
މިފަހަކަށް އައިސް ޕޮސިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައި އެވެ. އެގޮތުން މިއަދު ޕޮސިޓިިވްވެފައިވަނީ 26 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން 1،942 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 1،010 މީހަކު ވަނީ ރަނގަޅުވެފައި އެވެ. މި ބަލީގައި މަރުވެފައިވަނީ އަށް މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް