89 ގައިދީންނާއެކު ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1 ގެ 13 ވަނަ ބެޗް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ގައިދީން އިސްލާހުކޮށް ކުށުގެ ވެށިން ދުރުހެލިކުރުމުގެ މައްސައްކަތްތަކުގެ ތެރެއިން، ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1 ގެ 13 ވަނަ  ބެޗް އިއްޔެ ފަށައިފި...

09 Jun 2020 | 13:17

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ގައިދީން އިސްލާހުކޮށް ކުށުގެ ވެށިން ދުރުހެލިކުރުމުގެ މައްސައްކަތްތަކުގެ ތެރެއިން، ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1 ގެ 13 ވަނަ  ބެޗް އިއްޔެ ފަށައިފިއެވެ.

ކަރެކްޝަންސުން ބުނެފައިވާގޮތުގައި މާފުށީ ޖަލުގައި ކުރިއަށްގެންދާ ފްރޭމްވަރކްގެ ފޭސް 1 ގެ މި ބެޗްގައި 89 ގައިދީން ވަނީ ބައިވެރިވެފައެވެ.

ކޯވިޑް-19 އާ ގުޅިގެން، ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސްތަކާއި އެހެނިހެން މަސައްކަތްތައް ވަނީ މެދުކަނޑާލާފައި ކަމަށާއި އަދި ސަރުކާރުން އައު އާންމު ހާލަތު އިއުލާންކުރުމާ ގުޅިގެން، ރައްކާތެރި ފިޔަވަޅުތަކާއެކު ފްރޭމްވަރކްގެ ކޯސްތަކާއި ކްލާސްތައް މިހާރު ވަނީ ކުރިއަށް ގެންދަން ފަށާފައި ކަމަށް ކަރެކްޝަންސުން ބުނެއެވެ.

އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހަތަރު ފޭސްގެ މައްޗަށް އެކުލެވިގެންވާ ރިހެބިލިޓޭޝަން ފްރޭމްވަރކް ތަޢާރަފްކުރުމުގެ މަގުސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއްކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދިނުން ކަމުގައި އެ މުއައްސަސާއިން ބުނެއެވެ.

މާފުށީ ޖަލުން ރިހެބިލިޓޭޝަން ފްރޭމްވަރކް ރާވާ ހިންގާއިރު، މި ފްރޭމްވަރކްގައި ހިންގާ އެމް.ކިއު.އޭ. އިން އެކްރެޑިޓްކޮށްފައިވާ ކޯސްތަކުގައި ކިޔަވައިދެއްވަނީ އެމްސީއެސް ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނާއި މާފުށީ ޖަލުގެ އޮފިސަރުންގެ އިތުރުން އެހެން ތައުލީމީ މުއްސަސާތަކުގެ މުދައްރިބުންނެވެ. ނަމަވެސް މި މަރުހަލާގައި ކުރިއަށް ގެންދާނީ ހަމައެކަނި އޮފިސަރުންނާއި މުވައްޒަފުން ކިޔަވަދޭ ކްލާސްތައް ކަމުގައިވެސް އެ މުއައްސަސާއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް