ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރު ކަމަށް ވީޓީވީގެ ސީނިއާ ނިއުސް އެޑިޓަރު އާމިނަތު އަމީނާ (އަނާ) އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަނާއަށް ރުހުން ދޭން ފެންނަ ކަމަށް 63 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ. ބްރޯޑްކޮމްއަށް އައްޔަން ކުރަން އަނާގެ ނަން ފާސްކުރިއިރު މީގެ ކުރިންވެސް އަނާ ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލާފައިވެ އެވެ. އެކަމަކު އެ ފަހަރު އޭނާ ހޮވިފައެއް ނުވެ އެވެ.
މިފަހަރު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ފާސްކޮށްފައިވާ ރިޕޯޓްގައިވާ ގޮތުގައި، ބްރޮޑްކޮމްގެ މެންބަރުކަމަށް ހޮވަން، ވޯޓް ނަގަން ތަޅުމަށް ފޮނުވާ ލިސްޓްގެ ކުރީގައި އޮތީ ވެސް އަނާ އެވެ. ދެވަނައަށް އޮތީ ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީންގެ ނަމެވެ.
އަނާ ހޮވުމުން ދެން ހުރި ނަންތަކަށް ވޯޓަށް އަހާފަ އެއް ނުވެ އެވެ.
އަނާ އަކީ 2009 ވަނަ އަހަރުން ފެށިގެން ވީޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކުޅަދާނަ ނޫސްވެރި އެކެވެ. އަނާ ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީން ބެޗެލާސް ޑީގްރީ އިން ޖާނަލިޒަމް އަދި އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް އާޓްސް އިން ޖާނަލިޒަމް ހަދާފައި އެވެ.
އޭނާ ވަނީ 2016 ވަނަ އަހަރު އެމްއެމްސީން ދޭ ވީޑިއޯ ޖާނަލިސްޓް އޮފް ދި އިޔާގެ އެވޯޑު ހާސިލްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް