އަލާމާތް ނުފެންނަ ޕޮސިޓިވް މީހުންގެ ގައިން ބަލި ފެތުރުމުގެ ފުރުސަތެއް ނެތް: ޑަބްލިއުއެޗްއޯ

މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު މިއަހަރު ފެށުނީންސުރެ ފެތުރެމުންދާ ނުރައްކާތެރި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން އަލާމާތް ނެތް މީހުންގެ ގައިން ބަލި ފެތުރުމުގެ ފުރުސަތު ނެތް ކަމަށް ދުނިޔޭގެ ސިއ...

09 Jun 2020 | 08:45

މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު މިއަހަރު ފެށުނީންސުރެ ފެތުރެމުންދާ ނުރައްކާތެރި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން އަލާމާތް ނެތް މީހުންގެ ގައިން ބަލި ފެތުރުމުގެ ފުރުސަތު ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

އެ ޖަމިއްޔާއިން އިއްޔެ ބުނީ އެ ޖަމިއްޔާއިން ދަނީ ބަލި ފެތުރެމުންދާ ގައުމުތަކުގެ ތެރެއިން ކޮންޓެކްޓް ޓްރޭސިން ވަރަށް ރަނގަޅަށް ހަދާ ގައުމުތަކުން ފެންނަ ޕޮސިޓިވް މީހުންގެ ފަރާތުން ފެންނަމުންދާ ކަންކަން ބަލަމުން ކަމަށެވެ. އެގޮތުން އެފަދަ ގައުމުތަކުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އެއްވެސް އަލާމާތެއް ނެތް ޕޮސިޓިވް މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުފައި ނުވާ ކަން ފާހަގަ ވެފައިވާ ކަމަށެވެ.

އަދި މިފަދަ މީހުންނަށް ބަލީގެ މާބޮޑު އަސަރެއް ނުކޮށް ސަލާމާތް ވާ ކަމަށެވެ.

ބަލިފެތުރެން ފެށި ފަހުން މިހާތަނަށް ކުރި ދިރާސާތަކާއި ގުޅޭގޮތުން ޑަބްލިއުއެޗްއޯއިން ބުނީ ކޯވިޑް-19 ފެތުރެނީ ކެއްސައި ކިނބިހި އަޅާއިރު ބޭރުވާ ކުޅުތިކިތަކުންނެވެ. އެހެންވެ އެ ޖަމިއްޔާއިން ބުނީ ބަލި ޖެހޭ މީހުން އެކަހެރި ކުރުމަކީ މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅު ކަމަށެވެ.

މިހާތަނަށް މުޅި  ދުނިޔެއިން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ އަދަދު ހަތް މިލިއަނަށް އަރާފައިވާއިރު ހަތަރު ލައްކައަށްވުުރެ ގިނަ މީހުން ވަނީ މަރުވެފައިވެ އެވެ.

މިހާތަނަށް އެންމެ ގިނަ މީހުން ވައިރަހަށް ޕޮސިޓިވްވެފައިވަނީ އެމެރިކާގައި އެވެ. ދެ ވަނައަށް އެންމެ ގިނަ މީހުން ބްރެޒިލްއިން ޕޮސިޓީވްވެފައިވާއިރު ތިން ވަނައަށް އެންމެ ގިނަ މީހުން ޕޮސިޓިވްވެފައިވަނީ ރަޝިޔާއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް