ރާއްޖޭގައި ހިންގާ ބޮޑެތި ޖަރީމާތަކާއި ހިޔާނާތްތަކުގައި ބައިވެރިވެފައިވާ ފުލުހުން އަދިވެސް ވަޒީފާގައި އެބަ ތިބި ކަމަށް ވިދާޅުވެ ބޮޑެތި ތުހުމަތުތަކެއް ފުލުހުންނަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވައިފި އެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފުލުހުން އަދިވެސް ވަޒީފާއި އެބަތިބި ކަމަށެވެ. އަދި ބޮޑެތި ޖަރީމާތައް ހިންގާ ގޭންގުތަކާއި ގުޅުން އޮންނަ ފުލުހުންވެސް އެބަ ތިބި ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހިިޔާނާތުގައި ބައިވެރިވި ފުލުހުން ވަޒީފާގައި ތިބެ އެ މައްސަލަ ތަހުގީގު ކުރިޔަށް ހިނގައިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ނަޝީދު މިއަދުގެ ޖަލްސާގައި ގޮވާލައްވާފައިވަނީ އެ ފުލުހުން ސަސްޕެންޑު ކުރުމަށް ފަހު ރަނގަޅު ތަހުގީގެއް ކުރުމަށެވެ.
މަސްތުވާތަކެތީގެ މައްސަލަތަކާއި، އޭގެ ވިޔަފާރި ކުރާ މީހުންނާ ފުލުހުންނާ ގުޅުން އޮންނަ ކަމުގެ ތުހުމަތު ވެސް ނަޝީދު މިއަދު ކުރެއްވި އެވެ. ހަމައެއާއެކު ރަޔަޓް ފުލުހުންނާ، ރާއްޖޭގެ ގޭންގުތަކާ ވެސް ގުޅުން އޮންނަ ކަމަށާއި، އެ ކަންކަން ބެލުން މުހިންމުކަމަށް ވެސް ނަޝީދު ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ދީނީ ގޮތުން ހައްދަު ފަހަނައަޅާފައިވާ މީހުން ކަމަށް ބުނާ ނުވަތަ އެމްޑީޕީން ބުނާ އަނދިރި ދައުލަތުގެ މައްސަލަތަކާއި ފުލުހުންނާއި މެދު ގުޅުން އޮތް ވަރު ނަޝީދު ވިދާޅުވެދެއްވި އެވެ. އެގޮތުން ޑރ. އަފްރާޝިމް އަލީ މަރާލި މައްސަލައާއި އާއި ނޫސްވެރިޔާ ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލަ ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ ފުލުހުންގެ ބަޔަކު ރިލްވާނަށް ފާރަލަމުން ދިޔަ ކަން އެނގެން އެބައޮތް ކަމަށެވެ.
ނަޝީދު މިހެން ވިދާޅުވި އިރު ފުލުހުންނާއި މާލޭގެ ގޭންގުތަކާއި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުން ކުރާ މީހުންނާއި ގުޅުން އޮންނަ ވާހަކަ އަކީ އާވާހަކައެއް ނޫނެވެ. މަސްތުވާތަކެއްޗާއި ގުޅުން ހުންނަ ބޮޑެތި އޮޕަރޭޝަންތަކުގައި ފުލުހުން އެ ތަނަކަށް ދާއިރު މަސްތުވާތަކެތި ފޮރުވުމާއި ތަން ސާފުކޮށްފައި ހުރުމަކީ އާންމުކޮށް އަޑު އިވޭ ވާހަކައެކެވެ.
އެކަން ކުރުވަނީ ފުލުހުންގެ ތެރެއިން ބަޔަކު ގުޅައި އެ އޮޕަރޭޝަނެއްގެ މައުލޫމާތު އެތަނެއްގައި ތިބޭ މީހުންނަށް ދީގެން ކަމަށް ތުހުމަތު ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް