މި ދުވަސްވަރު އެންޓީ ބޮޑީ ޓެސްޓުގެ މާބޮޑު ބޭނުމެއް ނެތް: އައްފާލް

އާންމުންގެ މެދުގައި ކޯވިޑް-19 ފެތުރެމުން ދަނިކޮޮށް އެންޓީ ބޮޑީ ޓެސްޓުގެ ހެދުމުގެ މާ ބޮޑު ބޭނުމެއް ނެތް ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވެއްޖެ އެވެ. އެންއީއޯސީގައ...

09 Jun 2020 | 03:30

އާންމުންގެ މެދުގައި ކޯވިޑް-19 ފެތުރެމުން ދަނިކޮޮށް އެންޓީ ބޮޑީ ޓެސްޓުގެ ހެދުމުގެ މާ ބޮޑު ބޭނުމެއް ނެތް ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވެއްޖެ އެވެ.

އެންއީއޯސީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައްފާލް ވިދާޅުވީ އެންޓީ ބޮޑީ ޓެސްޓަކީ ބަލި ފެތުރުން ކޮންޓްރޯލް ވުމުން ބަލި އުޅޭވަރު ދެނެގަތުމަށް ހަދަން ފެށިދާނެ ޓެސްޓެއް ކަމަށެވެ. އެގޮތުން އެންޓިބޮޑީ ޓެސްޓެއްގެ ބޭނުން މުހިންމު ވަނީ މި ހާލަތުން އަރައިގަނެވޭއިރު ރާއްޖޭގައި ބަލީގެ ދިފާއީ ނިޒާމު އޮތް މިންވަރު ބަލައި އެފަދަ ދިރާސާތަކަށް ކަމަށް ވިދާޅުވި އެވެ.

އައްފާލް ވިދާޅުވީ ރާއްޖެ ބައެއް ހިސާބުތަކުގައި އެއްވެސް ވަރަކަށް މިބަލި ނެތް ކަމަށެވެ. އަދި ބަލި ނެތް ތަންތަނުގައި އެންޓިބޮޑީ ޓެސްޓު ހެދުމަކީ ކޮންމެހެން ކުރުން މުހިންމު ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އަދި މި ދުވަސްވަރު މާލޭގައި ބަލި ފެތުރެމުން ދަނިކޮށް އެންޓީ ބޮޑީ ޓެސްޓު ހެދުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އެންޓީ ބޮޑީ ޓެސްޓު އަދި ހެދުން މުހިންމު ނޫން ކަމަށް އައްފާލް ވިދާޅުވި ނަމަވެސް އެޗްޕީއޭއިިން މިހާރު ވަނީ މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން ކަރަންޓީން ފެސިލިޓީތަކަށް ބަދަލު ކުރުމަށް އެމީހުން އެންޓީ ބޮޑީ ޓެސްޓު ހަދަން ފަށާފައި އެވެ. އެޗްޕީއޭއިން ބުނީ އެގޮތަށް ޓެސްޓު ކުރަމުންދާ ބައެއް މީހުން ކޯވިޑް ޖެހި ރަނގަޅުވެފައި ހުރިކަން އެނގިގެންފައިވާ ކަމަށެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެންޓީ ބޮޑީ ޓެސްޓު ހެދޭނެ އިންތިޒާމް ހަމަޖައްސަން ފަށާފައި އެެވެ. ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެންޓީ ބޮޑީ ޓެސްޓު ހެދުމުގެ ކެޕޭސިޓީ ރާއްޖޭގައި ހުންނާނެ ކަމަށެވެ. މިފަދަ ޓެސްޓުތަކަކީ އެހެން ބަލިތަކަށް ވެސް ކުރެވޭ ޓެސްޓުތައް ކަމަށް ވާތީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައިހެން ވެސް މި ޓެސްޓު ކުރެވޭނެ އިންތިޒާމް ހުންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް