ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ހާހަކަށްވުރެ ދަށްވެއްޖެ

ރާއްޖެއިން ކޯވިޑަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ހާހަކަށްވުރެ ދަށްވެއްޖެ އެވެ. އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު މިހާރު ބައްޔަށް ޕޮސިޓިވް ވެގެން ފަރުވާ ހޯދަމުން ދަނީ 981 މީހެކެވެ...

08 Jun 2020 | 22:05

ރާއްޖެއިން ކޯވިޑަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ހާހަކަށްވުރެ ދަށްވެއްޖެ އެވެ.

އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު މިހާރު ބައްޔަށް ޕޮސިޓިވް ވެގެން ފަރުވާ ހޯދަމުން ދަނީ 981 މީހެކެވެ.

އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ އެންމެ 10 މީހުންނަށެވެ. އެ އެންމެންގެ ހާލު ރަނގަޅު އިރު އެއްވެސް މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންނެތް ނުދެ އެވެ.

ބައްޔަށް ޕޮސިޓިވްވެގެން ފަރުވާ ދެމުންދާ ދެންތިބި އެންމެ ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައި އެވެ.

މިހާތަނަށް ބަލިން 925 މީހަކު ރަނގަޅުވެފައިވާއިރު ކުރިޔަށް އޮތްތާ ކޮންމެ ދުވަހަކު ރަނގަޅުވާ މީހުންގެ އަދަދު ވަރަށް ގިނަ ވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން އިއްޔެ އެކަނިވެސް 98 މީހަކު ބަލިން ރަނގަޅުވެފައިވެ އެވެ.

ބަލިން ރަނގަޅުވާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ ރަނގަޅުވި ކަމަށް ބަލާ އުސޫލަށް ބަދަލު ގެނައުމުންނެވެ. މިހާރު އެޗްޕީއޭއިން ނިންމާފައިވަނީ ވައިރަސްއަށް ޕޮސިޓިވްވާ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި އުމުރުން ދުވަސްވީ މީހުން ފިޔަވާ އާންމު ހާލަތުގައި ތިބި މީހުން ވައިރަހުގެ އަލާމާތްތައް ފިލުވުމުން 21 ދުވަސް ފަހުން ބަލިން ރަނގަޅުވި ކަމަށް ނިންމާށެވެ.

މިގޮތަށް ނިންމީ ބޭރު ގައުމުތަކުގައި ހެދި ދިރާސާތަކަށް ބަލައި ޑަބްލިއުއެޗްއޯގެ ލަފާގެ މަތިންނެވެ. އެއީ އެފަދަ މީހުންގެ ގައިން ބަލި ފެތުރުމުގެ ފުރުސަތު ނެތުމުން ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 1،916 މީހެކެވެ. މީގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް