އޮންލައިންކޮށް ވިސާއަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް 24 ގަޑި އިރު އެ ހިދުމަތް ދޭގޮތަށް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.
މިގޮތަށް އަމަލު ކުރަން ފަށާފައިވަނީ އިއްޔެ އެވެ. މީގެ ކުރިން އޮންލައިންކޮށް ވިސާ ހުށަހެޅެނީ ހެނދުނު 7:00 އިން މެންދުރު ފަހު 2:00 އަށެވެ.
އިމިގްރޭޝަނުން ބުނީ ވޯކް ވިސާއަށް އޮންލައިންކޮށް ހުށަހެޅުނަސް ވިސާ ޖެހުމަށް ޕާސްޕޯޓު ހުށަހެޅުމާއި ދޫކުރުން ކުރިޔަށް ނުގެންދާނެ ކަމަށެވެ. އެ މަސައްކަތް ފަށާނީ އާންމު ހިދުމަތްތައް ދިނުމަށްޓަކައި ސަރުކާރު އޮފީސްތައް ހުޅުވުމަށް ހުއްދަ ދިނުމުންނެވެ.
އިމިގްރޭޝަނުން ބުނީ ވިސާ ފީތަކާއި ގުޅޭ ހުރިހާ ހިދުމަތެއް ވެސް އޮންލައިންކޮށް ދެއްކޭނެ ކަމަށެވެ.
އަލަށް ރާއްޖެ އަންނަ ބިދޭސީންނަށް ލުއި ގޮތްތަކެއް އިމިގްރޭޝަނުން ވަނީ ހަމަޖައްސައިފަ އެވެ. މީގެ ކުރިން، އަލަށް އަންނަ ބިދޭސީ މަސައްކަތްތެރިން އެންމެ ފުރަތަމަ ފަހަރު ވިސާ ފީ ދައްކަން ދާން ޖެހޭނީ މީރާ އަށް ނަމަވެސް މިހާރު މި ހިދުމަތް ވެސް އޮންލައިންކޮށް ލިބޭނެ އެވެ.
މީގެ އިތުރުން ކޯވިޑް-19 އާއި ގުޅިގެން އޮފީސްތައް ބަންދުކޮށްފައިވާ މުއްދަތު އިތުރުކޮށްފައިވާތީ އިތުރު ލުއި ފަސޭހަތެއް ވަނީ ދީފައި އެވެ.
އެގޮތުން މެޑިކަލް ހުށަނާޅާވެސް ވިސާ ހޯދަން ހުށަހެޅޭނެ ގޮތް އިމިގްރޭޝަނުން ވަނީ ހަމަޖައްސައިފަ އެވެ. އަދި މިދިޔަ މާޗު މަހުގެ 15 އިން ފެށިގެން މި މަހުގެ ނިޔަލަށް ވިސާގެ މުއްދަތު ހަމަވާ މީހުން، ޖޫރިމަނާ ނުކުރަން ވެސް ވަނީ ނިންމައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް