ރާއްޖެއިން ކޯވިޑް-19 އަށް ޓެސްޓު ކުރި ސާމްޕަލްގެ އަދަދު 30،000 އަށް އަރައިފި އެވެ.
އެޗްޕީއެއިން ބުނީ އިއްޔެގެ ނިޔަލަށް ރާއްޖޭގައި 30،888 ސާމްޕަލް ޓެސްޓު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ތަކުރާރުކޮށް އެކެއްގެ ސާމްޕަލް ޓެސްޓުކޮށްފައި ހުންނާނެ ކަމަށެވެ.
ތަކުރާރުކޮށް ގިނައިން ކޮށްފައި ހުންނަނީ ޕޮސިޓިވްވާ މީހުން ރަނގަޅުތޯ ބެލުމަށާއި ބައެއް މީހުން ޕޮސިޓިވްކަން ޔަގީން ކުރުމަށެވެ. އެގޮތުން ބައެއް މީހުން ޕޮސިޓިވްތޯ ޔަގީން ކުރުމަށް ތިން ފަހަރު ޓެސްޓުކޮށްފައި އެބަހުއްޓެވެ.
ކަރަންޓީން ކުރާ މީހުންވެސް ދޫކޮށްލަނީ 14 ދުވަސް ހަމަވުމުން ކޯވިޑަށް ޓެސްޓުކޮށް ނެގެޓިވް ވެއްޖެ ނަމައެވެ.
މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ކޯވިޑަށް ޓެސްޓު ކުރާ ކިޓް ހަދިޔާ ކޮށްފައިވަނީ ޑަބްލިއުއެޗްއޯއިންނެވެ. އެ ޖަމިއްޔާއިން ހަތަރު ފަހަރެއްގެ މަތިން ޓެސްޓު ކިޓު ހަދިޔާކޮށްފައިވާއިރު ބައެއް ގައުމުތަކުންނާއި ދުނިޔޭގެ ފެންވަރުގެ ވިޔަފާރިވެރިން ވަނީ ރާއްޖެއަށް ވައިރަހަށް ޓެސްޓު ކުރެވޭނެ ކިޓް ހަދިޔާ ކޮށްފައި އެވެ.
ހެލްތް މިނިސްޓްރީން މިހާރު މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕީސީއާރު މެޝިނެއް ބަހައްޓައި ކޯވިޑަށް ޓެސްޓު ކުރަން ފެށޭތޯ އެވެ. މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޯވިޑަށް ޓެސްޓު ކުރަން ބޭނުންވާނެ ސާމާނު ރާއްޖެ އަންނާނެ ކަމަށް އެންއިއޯސީން ބުނެފައިވެ އެވެ. އެކަމަކު އަދިވެސް އެތަކެތި ލިބުން ކަމެއް ނޭނގެ އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 1،916 މީހުންނެވެ. މި ބަލީގައި އަށް މީހަކު ވަނީ މަރުވެފައި އެވެ.
ބަލިން 928 މީހުން ވަނީ ރަނގަޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް