ކޯވިޑަށް ޕޮސިޓިވްވި ފަސް މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި

ކޯވިޑް-19 އަށް ރާއްޖެއިން ޕޮސިޓިވްވި މީހުންގެ ތެރެއިން ފަސް މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ. އެމީހުންނަށް ފަރުވާ ދެމުންދަނީ ކޯވިޑަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ޓ...

09 May 2020 | 18:32

ކޯވިޑް-19 އަށް ރާއްޖެއިން ޕޮސިޓިވްވި މީހުންގެ ތެރެއިން ފަސް މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.

އެމީހުންނަށް ފަރުވާ ދެމުންދަނީ ކޯވިޑަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެވެ. ކޯވިޑަށް ފަރުވާދޭ ހޮސްޕިޓަލެއްގެ ގޮތުގައި ސަރުކާރުން ޓްރީ ޓޮޕް ހޮސްޕިޓަލް ހަމަޖެއްސުމާއި އެކު އެ ހޮސްޕިޓަލްގައި ބަލިމީހުންނަށް ފަރުވާ ދިނުމުގެ ކަންކަން މެނޭޖްކުރަމުންދާނީ އައިޖީއެމްއެޗުންނެވެ.

އައިޖީއެމްއެޗުގެ މެޑިކަލް ޑައިރެކްޓަރު ޑރ. އަލީ ނަޒީމް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެޑްމިޓް ކުރީ އައިޖީއެމްއެޗަށް ގެންދިއުމުން ކޯވިޑް-19 އަށް ޓެސްޓް ކޮށްފައިވާ މީހުން ކަމަށެވެ. އޭގެ ތެރޭގައި މާބަނޑު މީހަކާއި އެނޫން ބަލިތަކާއި ގުޅިގެން އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައިވާ މީހުން ހިމެނެ އެވެ.

ޑރ. ނަޒީމް ވިދާޅުވި ގޮތުގައި، ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކުރަނީ އިތުރަށް ހާލު ބޮޑުވެދާނެ ކަމަށް ބެލެވޭ މީހުންނެވެެ.

ޓްރީ ޓޮޕް ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ބަދަލު ކުރަނީ އައިޖީއެމްއެޗުން އެދޭ ފަރާތްތަކެވެ. އެ ހޮސްޕިޓަލަށް ބަލި މީހާ ބަދަލު ކުރަން ޖެހޭނަމަ އެކަން ނިންމަނީ އައިޖީއެމްއެޗުގެ ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ކޮމިޓީގެ ލަފާގެ މަތިން ނެވެ.

ކޯވިޑް-19 ގެ ބަލީގެ މީހުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލްގައި މިވަގުތު ހާއްސަ ކޮށްފައި ވަނީ 45 އެނދެވެ. އެއީ 15 އައިސީޔޫ އެނދާއި 30 ޖެނެރަލް އެނދެވެ.

ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވާ ގިނަ މީހުންނަކީ އަލާމާތްތައް ނުހުންނަ މީހުންނަށް ވާތީ އެމީހުންނަށް ފަރުވާ ދެމުންދަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި އެވެ.

މީގެ އިތުރުން ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ11 ފަންގިފިލާގައި ގާއިމްކޮށްފައިވާ އައިސީޔޫގައިި އެވެ. އެތަނުގައި މިވަގުތު ކޯވިޑް ޖެހިފައިވާ ހަތަރު މީހަކަށް ފަރުވާދެމުންދާއިރު އޭގެ ތެރެއިން ދެ މީހުންނަށް ފަރުވާ ދެނީ ވެންޓިލޭޓަރަށް ލައިގެންނެވެ،

މިހާތަނަށް ރާއްޖެއިން785 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވާއިރު ތިން މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައި އެވެ. އަދި މި ބަލިން29 މީހަކު ވަނީ ރަނގަޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް