އައްޑޫ ސިޓީ ދެ ހަފްތާއަށް ލޮކްޑައުން ކޮށްފި

ކޯވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީ14 ދުވަހަށް ލޮކްޑައުން ކޮށްފި އެވެ. އެ ސިޓީގެ ހުރިހާ ރަށެއް ލޮކްޑައުން ކޮށްފައި މިވަނީ މިއަދު އެ ސިޓީން މާލެ ގެނައި ހިތުގެ ...

09 May 2020 | 10:43

ކޯވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީ14 ދުވަހަށް ލޮކްޑައުން ކޮށްފި އެވެ.

އެ ސިޓީގެ ހުރިހާ ރަށެއް ލޮކްޑައުން ކޮށްފައި މިވަނީ މިއަދު އެ ސިޓީން މާލެ ގެނައި ހިތުގެ ބަލީގެ މީހަކު ކޯވިޑަށް ޕޮސިޓިވް ވުމާއި ގުޅިގެންނެވެ. އެމީހާ ޓެސްޓު ކުރީ އައިޖީއެމްއެޗުގައި އެޑްމިޓް ކުރާ މީހުން ކޯވިޑަށް ޓެސްޓު ކުރުމަށް އެކުލަވާލާފައިވާ އާންމު އުސޫލުގެ ދަށުންނެވެ.

އައްޑޫ ސިޓީ ލޮކްޑައުން ކުރަން ނިންމީ އާންމުންގެ މެދުގައި ބަލި ފެތުރެމުންދާ ކަމަށް ބަލައި އެޗްޕީއޭގެ އިރުޝާދާއި އެއްގޮތަށް ކަމަށް އެ ސިޓީ ކައުންސިލުން ބުނެ އެވެ. އަދި މި ލޮކްޑައުންގައި ކަންކަން އެހާ ލުއިކޮށް ނުނަގަން ވަނީ ނިންމާފައި އެވެ.

ކޯވިޑަށް މިއަދު އެ ސިޓީން ޕޮޮސިޓިވްވި މީހާއާ ގުޅިގެން ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ކިރިޔާ ވެސް ޝައްކެއް ވާ ނަމަ އެ މައުލޫމާތު އެ އަވަށެއްގެ ހެލްތު ޑެސްކަށް އަންގައިދޭން އައްޑޫ ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވީ މިއަދު ޕޮސިޓިވްވި މީހާ އަކީ ރިސޯޓެއްގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ.

ލޮކް ޑައުންއާއި އެކު އެ ސިޓީގައިވެސް ބޭރަށް ނުކުތުމުގެ ކުރިން ހުއްދަ ހޯދަން ޖެހޭގޮތަށް ވަނީ ހަމަޖައްސާފައި އެވެ. އަދި ތަކެތި ޑެލިވަރީ ކުރުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް766 މީހަކު ޕޮސިޓިވްވެފައިވާއިރު ތިން މީހަކު ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް