ސަރަހައްދީ ގޮތުން ބަލާނަމަ އާބާދީގެ ނިސްބަތުން ޓެސްޓް ކުރުމުގެ އެންމެ ކުރީގައި ދިވެހިރާއްޖެ

މި ނުރައްކާތެރި ވައިރަސްއާއި މުޅި ދުނިޔެ ހަނގުރާމަކުރަމުން އަންނައިރު ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި އޮތީ މި ވައިރަހަށް ޓެސްޓް ކުރުމުގެ ކެޕޭސިޓީ ހަމަ ކޮންމެ ގައުމެއ...

09 May 2020 | 07:10

މި ނުރައްކާތެރި ވައިރަސްއާއި މުޅި ދުނިޔެ ހަނގުރާމަކުރަމުން އަންނައިރު ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި އޮތީ މި ވައިރަހަށް ޓެސްޓް ކުރުމުގެ ކެޕޭސިޓީ ހަމަ ކޮންމެ ގައުމެއްގައިވެސް ދަށްވުމެވެ.

އެކަން އެނގެނީ މިހާތަނަށް އެކި ގައުމުތަކުން ކޮށްފައިވާ ޓެސްޓް ތަކުގެ އަދަދާއި އެ ގައުމެއްގެ އާބާދީއާއި އަޅާކިޔާލައި ހިސާބެއް ޖަހާލުމުންނެވެ. މިގޮތުން ހިސާބު ޖަހާލާނަމަ އާބާދީގެ ނިސްބަތުން މިލިޔަނަކުން ބަލައިފި ނަމަ ޓެސްޓް ކުރެވޭ މިންވަރު 50 ހާހަށްވުރެ މަތީގައި އުޅެނީ އެންމެ 14 ގައުމެއްގައެވެ.

ދެން މި ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭސިޔާގެ ގައުމުތަކަށް ބަލާލާއިރު ފެންނަނީ ވަރަށް ތަފާތު މަންޒަރެކެވެ. އެއީ އާބާދީގެ ނިސްބަތުން ބަލާނަމަ ޓެސްޓް ކުރުމުގައި ރާއްޖެ އުޅެނީ މި ސަރަހައްދުގެ އެހެން ހުރިހާ ގައުމަކަށްވުރެ މާ ކުރީގައި ކަމެވެ. ވަކި ވަކި ގައުމުތަކަށް ބަލައިލާއިރު އެންމެ މި ސަރަހައްގައި އެންމެ އެންމެ އާބާދީ ބޮޑު ގައުމަކީ އިންޑިއާއެވެ.

އިންޑިއާގެ އާބާދީއަކީ 1.3 ބިލިޔަން މީހުންނެވެ. ވޯލްޑޯ މީޓަރގައި ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އިންޑިއާގައި މިހާތަނަށް ހަދާފައިވަނީ ކޮރޯނާ ވައިރަސްގެ 1.5 މިލިޔަން ޓެސްޓެވެ. ނަމަވެސް އާބާދީގެ ނިސްބަތުން މިލިޔަނަކުން ބަލާނަމަ އަދި ޓެސްޓް ކުރެވިފައިއެވާ ނިސްބަތަކީ 1104 އެކެވެ. އާބާދީގެ ނިސްބަތުން ޓެސްޓު ކުރުމުގައި އިންޑިއާ އުޅެނީ މި ސަރަހައްދުގެ ހަ ވަނައިގައެވެ.

ދެވަނައަށް މި ސަރަހައްދުގައި އާބާދީ އެންމެ ބޮޑު ގައުމަކީ ޕާކިސްތާނެވެ. ޕާކިސްތާނުގެ އާބާދީއަކީ 212.2 މިލިޔަނެވެ. ވޯލްޑޯމީޓަރުގައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިއްޔެއާއި ހަމައަށް ޕާކިސްތާނުގައި 270،025 ޓެސްޓް ކޮށްފައިވެއެވެ. އާބާދީގެ ނިސްބަތުން މިލިޔަނަކުން ބަލާނަމަ އެއީ 1222 އެވެ. ޓެސްޓް ކުރުމުގެ ނިސްބަތުން ބަލާނަމަ ޕާކިސްތާނު އުޅެނީ ފަސްވަނައިގައެވެ.

މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު ނިސްބަތުން ބަލާނަމަ ޓެސްޓް ކުރުމުގައި ދެވަނައަށް އެންމެ ކުރީގައި އުޅެނީ ބޫޓާން އެވެ. ބޫޓާންގެ އާބާދީއަކީ 754،394 އެވެ. ވޯލްޑޯމީޓަރުން ދައްކާގޮތުގައި އިއްޔެއާއި ހަމައަށް އެ ގައުމުގައި 11568 ޓެސްޓެއް ހަދާފައިވެއެވެ. އާބާދީގެ ނިސްބަތުން މިލިޔަނަކުން ބަލާނަމަ އެއީ 14،992 އެވެ.

އާބާދީގެ ނިސްބަތުން ބަލާނަމަ މި ސަރަހައްދުން ޓެސްޓް ކުރުމުގައި އެންމެ ކުރީގައި ރާއްޖެ އުޅޭއިރު ރާއްޖޭގެ އާބާދީއަކީ 427،756  އެވެ. ވޯލްޑޯމީޓަރގައިވާ ތަފާސްހިސާބުތަކުގައިވާގޮތުގައި އިއްޔެއާއި ހަމައަށް ރާއްޖޭގައި 11،299  ޓެސްޓެއް ހަދާފައިވެއެވެ. އާބާދީގެ ނިސްބަތުން މިލިޔަނަކުން ބަލާނަމަ އެއީ 20،903 އެވެ.

މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު ލިސްޓްގެ އެންމެ ފަހަތުގައި އުޅެނީ އަގްޣާނިސްތާނެވެ. އެ ގައުމުގެ އާބާދީއަކީ 37 މިލިޔަން ކަމުގައިވާއިރު އެ ގައުމުގައި އިއްޔެއާއި ހަމައަށް ކޮށްފައިވަނީ 14،389 ޓެސްޓެވެ. އާބާދީގެ ނިސްބަތުން މިލިޔަނަކުން ބަލާނަމަ އެއީ އެންމެ 370 އެވެ.

ރާއްޖޭގައި ދުވާލެއްގެ މައްޗަށް ޓެސްޓް ކުރެވެނީ 300-400 ދެމެދުގެ ސާމްޕަލެވެ. އެއީ އައިޖީއެމްއެޗުގެ ދެ މެޝިނާއި ފުލުހުންގެ ލެބޯޓްރީގައި ހުންނަ މެޝިނަކުންނެވެ.

ކުރީގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ މަގާމުވެސް އަދާ ކުރައްވާފައިވާ ޑރ. ޝިނާ މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އާންމުންގެ މެދުގައި ބަލި ފެތުރެމުންދާއިރު ބައްޔަށް ޕޮސިޓިވްވާ މީހުންގެ އަދަދު މަދުވަނީ ޓެސްޓު ކުރެވޭލެއް މަދު ކަމުން ކަމަށެވެ. އޭނާ ވިދާޅުވީ ރަނގަޅު ޓެސްޓިން ކެޕޭސިޓީއެއްގައި ކޯވިޑަށް ޓެސްޓު ކުރެވެމުންދާ ނަމަ ދުވާލެއްގެ މައްޗަށް300 މީހުން ޕޮސިޓިވްވާނެ ކަމަށެވެ.

ޑރ. ޝީނާ ވިދާޅުވީ މިހާރުވެސް އެޗްޕީއޭ އިން އާންމުންގެ މެދުގައި ބަލި ފެތުރެމުންދާ މިންވަރު ދެނެގަންނަން ރެންޑަމް ސާމްޕަލް ނަގަމުންދާ ކަމަށެވެ. އަދި ފްލޫ ކްލިނިކްތަކުން ވެސް ޓެސްޓު ކުރަމުންދާއިރު އަދިވެސް ޓެސްޓު ކުރެވޭ މިންވަރު އިތުރުކޮށްގެން ނޫނީ މިހާރު ބަލި ފެތުރެމުންދާ މިންވަރު ދެނެގަންނަން އުނދަގޫ ވާނެ ކަމަށެވެ.

ޑރ. ޝީނާގެ މި ވާހަތަކާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިވަގުތު ބަލި ފެތުރެމުންދާ މިންވަރު ދެނެގަތުމަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ޓެސްޓު ކުރެވޭ މިންވަރު ދަށްވުން ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ސަރުކާރުގެވެސް ވަރަށް ބޮޑުކަންބޮޑުވުމެއް ކަމަށާއި އެކަމަކު މިވަގުތު އިތުރު ކޮޅެއް މިކަމުގައި ހޯދިފައި ނެތް ކަމަށެވެ.

އައިޖީއެމްއެޗުގެ ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމަށް މެޝިނެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަން ފާހަގަ ކުރައްވާ މަބްރޫކް ވިދާޅުވީ އެ މެޝިނު ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެވެނީ މިމަހުގެ17 ވަނަ ދުވަހު އެވެ. އެ މެޝިނު ލިބުމުން އިތުރު200 ސާމްޕަލް ދުވާލަކު ޓެސްޓު ކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން 744 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު ތިން މީހަކު މަރުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް