ދިވެހި ލަވަކިޔުމުގެ ދާއިރާގައި ފާހަގަ ކޮށްލެވޭ ދެ ފަންނާނަކު ދާއިރާ ދޫކޮށްލައިފި އެވެ.
ދާއިރާ ދޫކޮށްލި ފަންނާނުންގެ ތެރޭގައި ހިމެނެނީ މޯލްޑިވިއަން އައިޑޮލްއިން ވިދާލި މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އިޝާން އެވެ. ދެން ލަވަކިޔުމާއި ދުރަށް ދިިޔަކަން އިއުލާނު ކުރީ ހިޕްހޮޕް މިއުޒިކުގައި ނަން ވިދާލި އެންމެ މަޝްހޫރު އެއް ލަވަކިޔުންތެރިޔާ ސުއާދު އަބްދުއްރަހީމް (ޒިޕްސް) އެވެ.
ލަވަކިޔުން ހުއްޓާލައި އިޝާން ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ މިއުޒިކް ކުޅެ އަޑުއެހުން އެއީ މާތްﷲ އާއި ތިބާ އާމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ނިކަމެތި ކޮށްލާ ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ޝައިތާނާ އޭނާ ބޭނުން ކޮންމެ ގޮތަކަށް ނަފުސު ކޮންޓްރޯލް ކުރާ ކަމަށެވެ.
އިތުރަށް ބުނެފައިވަނީ މާތްﷲ ދެއްވާ ހިދާޔަތަކީ ދުނިޔެ މަތިން ލިބޭނެ އެންމެ ބޮޑު ނިއުމަތް ކަމަށެވެ.
އޭނާ ހިންގާ ފޭސްބުކް ޕޭޖްގައި ބުނީ ﷲ އަށް ކުއްތަންވެ ތިރިވެ ކޮށްލާ އެންމެ ސަޖިދައަކުން ހިތައް ލިބޭ އަރާމު އެތައް އަހަރު ދުވަހެއް ވަންދެން ކުޅުނު މިއުޒިކުން ހިތަށްވީ އިހްސާސްތަކާއި ނުބައްދަލު ކަމަށެވެ. އަދި ލަވަ ކިޔައިގެން އެންމެ ރެއަކުން އޭނާއަށް ލިބުނު އާމްދަނީ މިހާރު ލިބެނީ މަސް ދުވަހުން ކަމަށާއި އެހެން ނަމަވެސް ފުދުންތެރިކަމާއި ތަނަވަސް ކަމަކީ އިންސާނެއްގެ ހިތާއި ގުޅިފައި އޮންނަ ކަމެއްކަން މިހާރު އިހްސާސް ކުރެވޭ ކަމަށެވެ.
ސުއާދު (ޒިޕްސް) އޭނާގެ ފޭސްބުކްގައި ބުނެފައިވަނީ މާތްﷲ ދެއްވާ ހިދާޔަތަކީ ދުނިޔެ މަތިން ލިބޭނެ އެންމެ ބޮޑު ނިއުމަތް ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި ލަވަކިޔުމާއި ދުރުވިތާ މިހާރު ހަތް މަސްވެފައިވާ ކަމަށް ބުނެފައިވެ އެވެ.
ޒިޕްސް ބުނީ ފޭސްބުކްގައި އޭނާ ހިންގާ ޕޭޖު އެންމެންނަށް ހެޔޮ ނަސޭހަތްތަކެއް ދެވޭނެ ފަދަ ޕޭޖަކަށް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިޔުޒިކީ ހަޔާތުގެ ދުވަސްވަރު މީހުންނަށް މައުލޫމާތު ގެނެސްދިނުމަށް އޭނާ ބޭނުން ކުރަމުން ދިޔަ ފޭސްބުކް ޕޭޖުގައ ހުރި ކުރީގެ ޕޯސްޓްތައް ޑިލީޓްކޮށް އޭނާ ވަނީ އެ ޕޭޖް މެދުވެރިކޮށް ދީނީ ޕޯސްޓަށް ޝެއާކުރަން ފަށާފަ އެވެ.
އިޝާންވެސް ވަނީ އޭނާގެ ޕޭޖުގައި ދީނީ މައުލޫމާތުތައް ދޭން ފަށާފައި އެވެ.
ހިދާޔަތް ލިބި ލަވަކިޔުންތެރިން ލަވަކިޔުމާއި ދުރުވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ދިވެހިންގެ މެދުގައި މަޝްހޫރުކަން ހޯދި އަލީ ރަމީޒު އަދި އަބްދުލް ބާރީ ފަދަ ލަވަކިޔުންތެރިން ވަނީ އިސްލާމް ދީނުގެ ހިދާޔަތް ލިބި މިއުޒިކާއި ދުރުވެ ދީން ފެތުރުމުގައި އަމަލީ ގޮތުން މަސައްކަތް ކުރަން ފަށާފައި އެވެ.
މިއަދު އެމީހުން މަޝްހޫރުވެފައިވަނި އިސްލާމް ދީނުގެ ރަނގަޅު މައުލޫމާތު އާންމުންނަށް އޮޅުންފިލުވައިދޭ ބައެއްގެ ގޮތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް