ތައުލީމީ ވަޒީރުގެ ކަންބޮޑުވުން: ދަރިވަރުންގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ

ކޯވިޑް-19ގެ މި ހާލަތުގައި، ކިޔަވައިދިނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާނުލެވުމާއި، މި ހާލަތުގައި ކިޔެވުމުގައި އުޅޭ ކުދިންގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން އެޑ...

09 May 2020 | 05:25

ކޯވިޑް-19ގެ މި ހާލަތުގައި، ކިޔަވައިދިނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާނުލެވުމާއި، މި ހާލަތުގައި ކިޔެވުމުގައި އުޅޭ ކުދިންގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ފާޅުކުރައްވައިފިއެވެ.

މިނިސްޓަރުގެ މި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިއުކޭޝަން (ޖީޕީއީ) އާއި ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ސިއެރަ ލިއޯންގެ ބޭސިކް އަދި ސީނިއަރ ސެކަންޑްރީ އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެން ބޭއްވި މިނިސްޓަރުންގެ ފޯރަމްގައި ބައިވެރިވެ ވާހަކަފުޅު ދައްކަވަމުންނެވެ

މިދިޔަ މާރިޗް މަހުގެ 12 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ސްކޫލުތައް ބަންދުކޮށްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ދަރިވަރިންނަށް ފިލާވަޅުތައް ހަވާލުނުކުރެވި، ސްކޫލުން ވަކިވާ ދަރިވަރުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އޮތުމަކީވެސް ކަންބޮޑުވެވަޑައިގަންނަވާކަމެއް ކަމަށެވެ.

މައްސަލަތައް އިތުރަށް ގޯސްވެގެންދަނީ ރާއްޖެއަށް ދިމާވާ ތަފާތު އެހެން މައްސަލަތަކުގެ ސަބަބުންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކުރީގެ ތަޖުރިބާއަށް ބެލުމަށްފަހު ވީހާވެސް އަވަހަށް ކިޔެވުން ފަށަން މަސައްކަތް ކުރަމުންއަންނަ ކަމަށެވެ.

މި ހާލަތުގައި ރާއްޖޭގައި ތިބި ބިދޭސީ ޓީޗަރުން އެ ޓީޗަރުން ނިސްބަތްވާ ގައުމަށް ދާން ބޭނުންވެދާނެކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވީ ރާއްޖޭގެ ރަށްތައް ބެހިފައިވާގޮތުން ދަރިވަރުންނާ ހަމައަށް ވާސިލުވުމަކީ ދަތިކަމެއް ކަމަސާއި ނަމަވެސް ވާޗުއަލްކޮށް ކިޔަވައިދިނުމުގެ ނިޒާމަކާއެކު އެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކިޔެވުމަށް ލޮޅުންއަރާފަދަ ގޮތަކަށް ދެން ކުރިމަތިވާ ބަލިމަޑުކަމެއްގައި ނުވަތަ މިފަދަ ކާރިސާއެއްގައި މިހާރަށްވުރެ ބޮޑަށް ތައްޔާރުވެ ގާބިލުކަން އިތުރުކުރަންޖެހޭކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް