ރާއްޖެއިން އެންމެ ގިނައިން މަސް އެކްސްޕޯޓު ކުރާ ޔޫރަޕްގެ ގައުމުތަކުގައި ދިވެހި މަހަށް އޮތް އަގު އުފުލެން ފަށާފައިވާ ކަމަށް މޯލްޑިވްް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަނުން ބުނެފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ގައުމުތައް ލޮކް ޑައުން ކުރަން ޖެހުމުން ރާއްޖެއިން ބޭރު ގައުމުތަކަށް މަސް އެކްސްޕޯޓު ކުރުން އޮތީ އެއްކޮންހެން ހުއްޓިފައި އެވެ. ރާއްޖެއިން އެންމެ ގިނައިން މަސް އެކްސްޕޯޓު ކުރާ ޔޫރަޕްގެ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިޓަލީ، ޖަރުމަނުވިލާތް އަދި ފްރާންސް ފަދަ ގައުމުތަކަކީ ކޯވިޑް-19 އެންމެ ބޮޑަށް ފެތުރިގެން ގޮސްފައިވާ ގައުމުތަކެވެ.
އެ އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ޔޫރަޕްގެ ގައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ކޮންމެސް ވަރެއްގެ ލުއި ތަކެއް ދެމުންދާއިރު ރާއްޖެއިން އެކްސްޕޯޓު ކުރާ މަހުގެ އަގު އުފުލެން ފަށާފައިވާ ކަމަށެވެ. އެގޮތުން ކުރިން 25 ރުފިޔާއަށް ވިއްކި ބޮޑު ކަންނެލި މަސް ކިލޯއެއް މިހާރު ވިއްކަނީ60 ރުފިޔާ އަށް ކަމަށް ބުނެފައިވެ އެވެ.
އެހެންވެ އެ ޖަމިއްޔާއިން ވަނީ ޔޫރަޕްގައި ފިނިކުރި ރޯހަމަށް އޮންނަ މާކެޓް ގެއްލުނަ ނުދީ ދިވެހި މަސްވެރިން ހިތްވަރާއެކު މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ބުނެފަ އެވެ. އަދި މިވަގުތު އިގްތިސޯދަށް ބޭނުން ޑޮލަރު ހޯދޭނެ ސިނާއަތަކީ މަސްވެރިކަން ކަމަށް ބުނެފައިވެ އެވެ.
ސީފުޑް އެސޯސިއޭޝަނުން ބުނީ ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ ފަރާތްތައް މިހާރުވެސް މަސްވެރިކަމަށް ނުކުންނަ ކަމަށެވެ. އެކަމަކު ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ނުނުކުންނަކަން ފާހަގަކޮށް ބުުނެފައިވަނީ މިހާލަތުން އަރައިގަތުމަށް އާ ހިތްވަރަކާއި އެކު ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން މަހަށް ނުކުންނަން ޖެހިފައިވާ ކަމަށެވެ.
އެ ޖަމިއްޔާއިން ބުނީ މުޅި ރާއްޖެ ފުރަ ބަންދުގައި އޮތް ނަމަވެސް މަހަށް ފުރުމާއި މަސް ކިރުވުމުގެ އިންތިޒާމް ތައް ހަމަ ޖެއްސުމުގައި އެއްވެސް ހުރަހެއް މަސްވެރިންނާށް ނޯންނާނެކަމަށެވެ. އަދި މިދުވަސްވަރަކީ ރާއްޖެއަށް މަސްވެރިކަން ރަނގަޅު ދުވަސް ވަރަކަށް ވާއިރު ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ބާނާ މަހަށް ވަގުތުން އަގު ލިބޭނެކަމަށް ބުނެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން އިގްތިސޯދު ސަލާމަތް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ޔޫރަޕްގެ މާކެޓު ރަނގަޅުވަންދެން މަސްވެރިން އަތުން މަސް ގަނެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސް ގަންނަ ކުންފުނިތަކަށް100 މިލިއަން ރުފިޔާގެ ލޯން ފެސިލިޓީއެއް ސަރުކާރުން ހަމަޖައްސައިދީފަ ވެ އެވެ. އަދި މަސްވެރިން އަތުން ގަންނަ މަސް ރައްކާކުރެވޭނެ ސްޓޯރޭރުތަކެއްވެސް ހަމަޖައްސައިދީފަވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް