މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވާ ބައެއް ތަންތަނަށް މަސައްކަތް އަލުން ފެށުމުގެ ހުއްދަ ދޭން ފަށައިފި އެވެ.
އެޗްޕީއޭއިން މިދިޔަ ހުކުރު ދުވަހު ކުރި އިއުލާނެއްގައި ވަނީ، މާލެ ލޮކްޑައުން ކުރުމުގެ ކުރިން ފަށާފައިވާ ކޮންސްޓްރަކްޝަން މަސައްކަތްތައް ފަށަން ހުއްދަ ދީފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ބުނީ ލޮކްޑައުންގެ ކުރިޔަށް މަސައްކަތް ފަށަފައިވާ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރިޔަށް ގެންދިއުމާއި ގުޅޭ އުސޫލެއް އެކުލަވާލާފައިވާ ކަމަށެވެ. އެ އުސޫލާއި ހިލާފުވާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ބުނެ އެވެ.
މި އުސޫލުގެ ދަށުން މަސައްކަތަށް ނެރޭ މީހުންނަކީ އިޖްތިމާއީ ގައިދުރުކަން ބަހައްޓައިގެން މަސައްކަތް ކުރެވޭހާ މަދު މީހުންނަށް ވާން ޖެހެ އެވެ. ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ހުރި މީހަކު ނުވަތަ އެފަދަ މީހެއްގެ ކޮންޓެކްޓެއްގެ ގޮތުގައި ހުރި މީހަކު އައިސޮލޭޝަން ފުރިހަމަކޮށްފައި ނޫނީ މަސައްކަތަށް ނުނެރެވޭނެ ކަމަށް ބުނެ އެވެ.
ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރި މީހަކު މަސައްކަތަށް ނެރުން މި އުސޫލުން މަނާކުރެ އެވެ. މަަސައްކަތު ގަޑީގަ އާއި އެހެން ގަޑިތަކުގައި ވެސް އެ މީހަކު މަސައްކަތްކުރާ ސައިޓު ނޫން އެހެން ތަނަކަށް ދިއުން ނުވަތަ ގެންދިއުން ވަނީ މަނާކޮށްފައި އެވެ.
މަސައްކަތުގައި އުޅޭއިރު، އިޖްތިމާއީ ގައިދުރު ކަމާއި ހެވީ ޑިއުޓީ މާސްކާއި އަންގި ބޭނުންކުރުމާއި ގިނަގިނައިން އަތްދޮވުމަށް ބާރުއަޅައި އެ އިންތިޒާމު ހަމަޖެއްސަން ޖެހެ އެވެ. މުވައްޒަފުން މަސައްކަތަށް ނެރޭއިރު ކުންފުނީގެ ޔުނީފޯމު ލުމާއި މަސައްކަތް ކުރަން ހަމަޖައްސާފައިވާ މީހުން ސައިޓަށް ނެރުމުގެ ކުރިން ކޮންމެ ދުވަހަކު ހުން ބެލުމާއި އެ މުވައްޒަފުންގެ ރެކޯޑުތައް ބަލަހައްޓަން ޖެހެ އެވެ.
އެ ކައުންސިލުން ބުނީ ހުއްދަ ދޭން ނިންމާފައިވަނީ މަސައްކަތް ފަށާފައިވާ ތަންތަނުގެ ތެރެއިން އިންޖިއަރިން ރިސްކް އޮތް ތަންތަނަށެވެ. އެގޮތުން މިހާތަނަށް21 ތަނެއްގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
މާލޭގެ ލޮކްޑައުންގެ މުއްދަތު ހަމަވާނީ މިމަހުގެ14 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް