ކޯވިޑް-19ގެ މި ހާލަތުގައި އިންޑިއާއަށް ދާން ބޭނުންވެ އެ ގައުމަށް ނުދެވިފައި ތިބި އެ ގައުމުގެ ރައްޔިތުން ބަލާ އައި ފުރަތަމަ މަނަވަރު މިރޭ ފުރައިފިއެވެ.
މި މަނަވަރު ރާއްޖެއިން މިރޭ ފުރާފައިވަނީ 698 މީހުން ގޮވައިގެންނެވެ.
މިކަމާއި ގުޅޭގޮތުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފައިވަނީ އައިއެންއެސް ޖަލަޝްވާ، 698 މީހުންނާއެކު ފުރާފައިވާކަމަށާއި ދަތުރުގެ ބައިވެރިންނަށް އަމާން ދަތުރަކަށް އެދޭ ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި މަނަވަރު ފުރާފައިވަނީ ރާއްޖޭ ގަޑިން މިރޭ 10:00 ހާއިރުގައެވެ. މި މަނަވަރު ދެން ބަނދަރު ކުރާނީ ކޮޗިންގައި ކަމަށާއި ދަތުރުގެ ދިގުމިނަކީ 24 ގަޑިއިރާއި 36 ގަޑިއިރާއި ދެމެދުގެ ދިގުމިނެއް ކަމަށް ކުރިން ބުނެފައިވެއެވެ.
https://twitter.com/HCIMaldives/status/1258808931452944391
މި މަނަވަރު މިރޭ ފުރާފައިވާއިރު އިތުރު މަނަވަރުތަކެއްވެސް އަންނާނެކަން ވަނީ ހާމަކޮށްފައެވެ. އިންޑިއާއަށް ނިސްބަތްވާ ގިނަ ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އިރު ކޯވިޑް-19ގެ މި ހާލަތުގައި އެ ފަރާތްތައް އަނބުރާ ގައުމަށް ގެންދިއުމުގެ ހާއްސަ އޮޕަރޭޝަނެއް އިންޑިއާއިން މިވަނީ ފަށާފައެވެ. ރާއްޖޭގައިވެސް އިންޑިއާގެ 30 ހާހެއްހާ މީހުން އުޅޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް