ކިޑްނީ ފެއިލްވެފައިވާ ޕީއެސްއެމްގެ ޒުވާން ކުޅިވަރު ނޫސްވެރިޔާ ސާއިދު އަހުމަދަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްއިން ތިން ލައްކަ ރުފިޔާގެ އެހީ ފޯރުކޮށްދީފިއެވެ.
ސާއިދުއަށް މި ފައިސާ ހަވާލުކޮށްފައި ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަލީ ޖަލީލެވެ.
އެފްއޭއެމުން ބުނީ ޕީއެސްއެމްގެ ޒުވާން ނޫސްވެރިޔާ ސާއިދަކީ ފުޓްބޯޅަ އާއިލާގެ މުހިންމު މެމްބަރެއް ކަމަށާއި އޭނާ އަކީ ޒިންމާދާރު ބައްޕައެއް ކަމަށެވެ. އަދި އިހްލާސްތެރި ގައުމީ ހިދުމަތްތެރިއެއް ކަމަށާއި ހިތްވަރުގަދަ ނަމޫނާ ޒުވާނެއް ކަމަށެވެ. މީގެ އިތުރުން އޭނާގެ އެންމެ ބޮޑު އެއް އުފަލަކީ ފުޓްބޯޅައިގެ ޚަބަރުތަކާއި މައުލޫމާތު ތާޒާކަމާއެކު ގެނެސްދިނުން ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކޮށްފައި ވެއެވެ.
"އޭނާއަކީ މޮޅު ފުޓްބޯޅަ ކޮމެންޓޭޓަރެއް. ދިރިއުޅުމުގެ މުހިންމު ގިނަ ވަގުތުތައް ހުސްކޮށްފައިވަނީ ވެސް ފުޓްބޯޅައަށް. ނަމަވެސް މިއަދު ހާލަތު ބަދަލުވެއްޖެ. އޭނާ މިއަދު އާދޭސްކުރަމުންދަނީ ދިރިހުރުމަށް އިންސާނަކަށް އެންމެ ބޮޑަށް ބޭނުންވާ ކިޑްނީ ޓްރާންސްޕްލާންޓްކޮށްދިނުމަށް ބޭނުންވާ ދީލަތި އެހީއަކަށް." އެފްއޭއެމުން ބުނެފައި ވެއެވެ.
ފުޓުބޯޅަ އެސޯސިއޭޝަނުން ބުނީ ފުޓްބޯޅަ އާއިލާއަށް ކުރިމަތިވާ މިފަދަ ކެކުޅުންތަކަށް އެހީތެރިވެދިނުމަކީ އެފްއޭއެމާއި އެފްއޭއެމް ފައުންޑޭޝަނުގެ އެންމެ މުހިންމު އަމާޒު ކަމަށެވެ.
އުމުރުން 28 އަހަރުގެ ސާއިދުގެ ދެ ކިޑްނީ ވެސް ފެއިލްވެފައިވާކަން އެނގުނީ އިންފެކްޝަނެއް އުފެދިގެން ޑޮކްޓަރަށް ދެއްކުމުން 2018 ވަނަ އަހަރުގެ ޖޫން މަހު އެވެ. އޭގެ ފަހުން އިންޑިއާ އިން ވެސް ފަރުވާ ހޯދާފައިވާ ސާއިދު އަންނަނީ ދެ ދުވަހުން އެއް ދުވަހު ރާއްޖޭގައި ޑައިލަސިސް ހަދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް