މާލޭ ސިޓީ ލޮނުޒިޔާރަތް ޕާކު ފަދަ ގުދުރަތީ ގަސްތަކާ މާތަކާ އެއްކޮށް ހެދިފައިވާ ބޮޑެތި ޕާކުތައް ތަރައްގީކުރަން ފުދޭވަރެއްގެ ބޮޑެތި ބިންތަކެއް މާލޭގައި އެބަހުރިކަމަށް، މާލެ ސިޓީ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ، އަނަސް އަބްދުއް ސައްތާރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ އެކި މުއައްސަސާތަކުގެ ބެލުމުގެ ދަށުގައި މިހާރުވެސް ބޮޑެތި ބިންތަކެއް އެބަހުރި ކަމަށް ވިދާޅުވަމުން، އެފަދަ ބިންތަކުގެ ބޭނުން ހިފާނީ ރައްޔިތުންނަށް އެންމެ ފައިދާކުރާނެ ގޮތަކަށް ކަމަށް އަނަސް ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަމުގައި ސިޓީ ކައުންސިލަށް ވަޑައިގެންނެވުމަށް ފަހު މާލޭގެ ބިންތައް ތަރައްގީކުރާނެ ގޮތްތައް މާލެ ސިޓީ ރައްޔިތުންނާއެކު ވަނީ އެކުލަވާލާފައި ކަމަށާއި އަދި އެފަދަ ބިންތައް ބޭނުން ކުރާނީ ކިހިނެތްތޯ، ކޮންކަހަަލަ ބޭނުންތަކަކަށް ތޯ ރައްޔިތުންނާ މަޝްވަރާކޮށް ބަލާނެ ކަމަށް އަނަސް ވިދާޅުވި އެވެ.
މާލެއިން ލިބޭ ހުސްބިމުގައި ފްލެޓްތަކެއްއަޅާކަން މާލޭ ރައްޔިތުންނެއް ބޭނުމެއް ނުވާނެކަމަށް ވިދާޅުވަމުން އަނަސް ފާހަގަކުރެއްވީ، އަނަސްގެ މޭޔަރުކަމުގެ ދަށުގައި އެކަން ރައްޔިތުންކައިރިން އަހައި އޮޅުންފިލުއްވާނެ ކަމަށެވެ.
"ރައްޔިތުން ބޭނުނެވެދާނެ އެތަނުގައި ކޮމިއުނިޓީ ޕާކެއް އަޅަން. ނޫނީ އިޖުތިމާޢީ އެހެން ހަރަކާތެއް ހިންގުމުގެ ގޮތުން އެ ބިން ބޭނުންކުރަން. އެހެންކަމުން ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާއެކީގައި އަޅުގަނޑުމެން މިކަން ކުރަން ގަސްތުކުރަނީ" އަނަސް ވިދާޅުވިއެވެ.
މީގެ އިތުރުން ޖޮބް ސެންޓަރުތައް މާލޭގައި ހިންގާނީ މިހާރުވެސް ހުރި ސެންޓަރުތަކާ ގުޅިގެން ކަމަށް އަނަސް ފާހަގަ ކުރެއްވިއެވެ.
" މިނިސްޓްރީއަކުން މަރުކަޒީ ސަރުކާރުން ކުރާނީ މުޅިޖުމުލަ ރާއްޖެއަށް އަމާޒުކޮށްގެން. އެބޭފުޅުންގެ އަމާޒެއްގައި ނޯންނާނެ ވަކި ރަށެއް، ވަކި ސިޓީއެއް. " އަނަސް ވިދާޅުވީ އިތުރު ގޮތަކަށް މިކަންތައް ކުރިއަށް ގެންދިއުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.
"އެހެން ނަމަވެސް ކުރީ ސަރުކާރުން މިކަން ކުރަން އުޅުނު ގޮތަށް އުޅެގެނެއް މިކަމެއް ނުވާނެ" އަނަސް ވިދާޅުވި އެވެ.
ކައުންސިލްތަކުގައި މި ތިއްބެވީ ސީދާ ރައްޔިތުންގެ ވޯޓަކުން ޚިދުމަތްކުރަން މަރުކަޒުވެ ތިބޭބައެއް ކަމަށާއި މި ކަންކަން އެންމެ ރަނގަޅަށް އެނގޭނީ އެބޭފުޅުންނަށް ކަމަށް އަނަސް ވިދާޅުވިއެވެ.
"އެހެންކަމުން އަޅުގަނޑުމެން މި ވައުދުގެ ދަށުން މި ކުރާ ކަމަކީ، ރައްޔިތުންނާ ގާތަށް ގޮސްގެން މި ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ކުރުން" އަނަސް ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް