މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިޙާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އެމްޑީޕީ ބޮޑު ތަނުން ބަލި ކުރައްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ، އެމްޑީޕީން ހަތަރު ސިޓީގެ މޭޔަރު ކަމުގެ އިތުރުން 1،000 ގޮނޑި އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ކާމިޔާބު ކުރާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އެމަނިކުފާނަށް ރައްދު ދެއްވަމުންނެވެ.
އަދުރޭ ވިދާޅުވީ، ނަޝީދުގެ ވާހަކަފުޅަކީ ބިރު ދެއްކުމުގެ ގޮތުންނާއި އިދިކޮޅު މެންބަރުން މާޔޫސްކޮށްލުމުގެ ގޮތުން ދައްްކާ ވާހަކަތަކެއް ކަމަށެވެ. ނަމަވެސް އިންތިހާބުގައި އެމްޑީޕީ ބަލިކޮށް ބޮޑު ތަފާތަކުން ކުރި ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އިންސާފުވެރި އިންތިޚާބެއް މި ގައުމުގައި ބޭއްވިއްޖެ ނަމަ، ބޮޑު ތަނުން އެމްޑީޕީ ބަލިކުރާނަން. ދިވެހި ރައްޔިތުންނަށް އެބަ އެނގޭ ދިވެހި ރައްޔިތުން އުޅޭ ހާލު. ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ނޭނގުނަސް ރައްޔިތުންނަށް އެބަ އެނގޭ ރައްޔިތުންގެ ހާލު. ރައްޔިތުންނަށް މިއަދު އެބަ އެނގޭ ތިބީ ކިހާ ނިކަމެތި ހާލެއްގައިކަން" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖެއަށް ގެނެސްދެއްްވި ތަރައްގީ ހުއްޓިއްޖެކަން ރާއްޖޭގެ ރައްޔިތުންނަށް އެނގޭ ކަމަށާއި، އެކަން ނޭނގިގެން އުޅެނީ އެމްޑީޕީއަށް ކަމަށެވެ. އަދުރޭ ވިދާޅުވީ އެމްޑީޕީ މީހުންނަކީ ގޮތެއް ފޮތެއް އަހުލާގެ އަދި ސުލޫކެއް ނެތް ބައެއް ކަމަށެވެ.
މީގެ ބޭއްވި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގެ ކެމްޕެއިންގައި ވެސް އަދުރޭ ވަނީ އެމްޑީޕީ ބޮޑު ތަނުން ބަލިކުރާނެ ކަމަށް ބުނެ ވިދާޅުވެ އަދަދުން ހިސާބު ޖައްސަވާފައެވެ. ނަމަވެސް، ކަންތައް ވެގެން ދިޔައީ ދިމާ އިދިކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް