ފުވައްމުލައް ސިޓީގައި ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް، ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ލިބިގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު ވިދާޅުވެއްޖެއެވެ،
އޭނާ މިހެން ވިދާޅުވީ، ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށުމާއި، އެ ސިޓީގެ އައު އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ސައީދު ވިދާޅުވީ، ފުވައްމުލަކު ނަރުދަމާ ނިޒާމަކީ ސަރުކާރު ވުޖޫދު ވުމަށް ފަހު، ހައްލުކުރުމަށް ދިމާވި އެންމެ އުނގަދޫ މަސައްކަތް ކަމަށް ވިދާޅުވިއެވެ. މިފެނިގެންދަނި ކަމަކަށް ކަމެއް ކުރުމުގެ ނަތީޖާ ކަމަށާއި، މި ސަރުކާރުން ހަރުދަނާ ކަމާ އެކީ ނޫނީ ކަންތައް ނުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.
ފެނަކައިގެ ޒުވާން އިންޖިނިއަރިންގ ޓީމަކުން އެތައް ތަހުލީލު ތަކެއް ކުރަމުން ދިޔައިރުވެސް، މި ނިޒާމު ހައްލު ކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމަށް އުނދަގޫތައް ކުރިމަތިވިއެވެ. އެކަމަކުވެސް މިހާރު މިވަނީ ހައްލު ހޯދާފައި ކަމަށް ވިދާޅުވިއެވެ. މި ތަހުލީލުތައް ކުރަމުން ދިޔައިރު ދިމާވިދަތިތައް ރައީސައް ހިއްސާކުރި ކަމަށާއި، މިކަމުގައި އަވަސް ހައްލެއް ހޯދައި ފުވައްމުލަކު ރައްޔިތުންގެ މި ޒަރޫރީ ބޭނުން ވީހާވެސް އަވަހަކަށް ފުރިހަމަ ކުރުމަށް ރައީސް އެންގެވި ކަމަށް ވިދާޅުވިއެވެ. އަދި މިކަމަށް ބޮޑު ހޭދައެއް ކުރަންޖެހޭތީ، އެ ކަން ހިއްސާ ކުރެއްވުމުން ވަގުތުން އެކަންތައްވެސް ހައްލުކޮށްދެއްވި ކަމަށް ސައީދު ވިދާޅުވިއެވެ.
ފުވައްމުލަކުގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރީ މި އަހަރުގެ ފެބުރުއަރީ މަހުގައެވެ. 43 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރަމަށްވަނީ ހަމަޖެހިފައެވެ.
ސައީދު ވިދާޅުވީ، ފުވައްމުލަކު ސިޓީގެ އައު އިންޖީނުގޭގެ މަޝްރޫޢާއެކު އެ ރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މިހާރު ކުރިމަތިވާ މައްސަލަތައް ޙައްލުވެ، ތަނުގެ ހިންގުމުގެ ޚަރަދުތަކަށްވެސް ލުއިކަން ލިބިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކަށްވީ، ފުވައްމުލަކުގައި މިހާރު ހުރި އިންޖީނުގެއަކީ އާއްމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައި ހުރި ތަކަށް ވެފައި، އެތަން ރައްޔިތުންނަށް ތަކުލީފު ނުއުފުލޭތަނަކަށް ބަދަލުކުރުން ކަމުގައެވެ.
ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި އައު އިންޖީނުގޭގެ ޚިދުމަށް އެސިޓީގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އައު އިންޖީނުގެ ޤާއިމުކުރަނީ 4 މެގަވޮޓްގެ 5 ޖަނަރޭޓަރުސެޓްގެ ޖާގަ ހިމެނޭގޮތަށް ޖުމްލަ 20 މެގަވޮޓްގެ ކެޕޭސިޓީ ޤާއިމުކުރެވޭގޮތަށެވެ. އެއާއެކު މި މަޝްރޫޢުގެ ދަށުން 8 ޓްރާންސްފޯމަރު ބެހެއްޓުމާއި، ޖުމްލަ 21 ކިލޯމީޓަރުގެ މީޑިއަމް ވޯލްޓޭޖުގެ ކޭބަލް އެޅުމާއި، އައު ފިއުލް ސްޓޯރޭޖް ޓޭންކުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ނިމޭއިރު ފުވައްމުލަކު ސިޓީއަށް ކުރިޔަށް އޮތް 30 ނުވަތަ 40 އަހަރަށް ދަތިނުވެ ބޭނުންވާ ވަރަށް ކަރަންޓުގެ ޚިދުމަތް ދިނުމުގެ ޤާބިލުކަން ހުންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް