ކޯވިޑް-19 ދިފާއު ވެކްސިން ޕްރޮގްރާމްގެ ދަށުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުމުން ދޫކުރާ ވެކްސިން ކާޑު ގެއްލޭ މައްސަލަ ކުރިމަތިވާން ފަށައިފި އެވެ.
ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދޭން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު އެވެ. މިދިޔަ އާދިއްތަ ދުވަހު ވެކްސިންގެ ދެ ވަނަ ޑޯޒު ދޭން ފަށާފައިވާއިރު ދެވަނަ ޑޯޒު ދެމުން ދަނީ ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށެވެ.
ވެކްސިން ކާޑު ގެއްލިގެން ރިޕޯޓުރަން ފަށާފައިވަނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒު ޖަހައިދޭން ފެށުމުންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވެކްސިން ކްލަސްޓާގެ ފަރާތުން ފާތިމަތު އަނާ ވިދާޅުވީ ވަރަށް ގިނަ މީހުން ދެވަނަ ޑޯޒު ޖަހަން ގޮސް ވެކްސިން ކާޑު ގެއްލިފައިވާ ކަމަށް ބުނަމުންދާ ކަމަށެވެ. ވެކްސިން ޖަހަން ގޮސް އެކަން އެނގުމަށް ވުރެ ފަސޭހަ އިންތިޒާމެއް މިހާރު ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަނާ ވިދާޅުވީ ވެކްސިން ކާޑު ގެއްލިފައިވާ ފަރާތްތަކުން ދެވަނަ ޑޯޒު ޖަހަން ދިއުމުގެ ކުރިން [email protected] އަށް އެކަން އީމެއިލް މެދުވެރިކޮށް އެންގުމުން އަލުން ކާޑު ހަދައިދިނުމުގެ އިންތިޒާމް ހަމަޖެނޭ ކަމަށެވެ. އެ އީމެއިލްގައި އެމީހެއްގެ މައުލޫމާތާއި ގުޅޭނެ ނަމްބަރު ފަދަ މައުލޫމާތު ހިމެނުމަށް އެދިވަޑައިގެންނެވި އެވެ.
މީގެ ކުރިން އެޗްޕީއޭއިން ވަނީ ވެކްސިންގެ ދެވަނަ ޑޯޒު ނުޖަހާ ކާޑު ލެމިނޭޓް ކޮށްފައިވާ މައްސަލަތައް ފާހަގަ ވަމުންދާ ކަމަށްވެސް ބުނެފައި އެވެ. އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ މީގެ ކުރިން ވިދާޅުވީ ކޮވިޝީލްޑް ދެވަނަ ޑޯޒު ޖަހަން ދިޔަ ބައެއް މީހުން ކާޑު ލެމިނޭޓް ކޮށްފައި ހުރުމުން ދެވަނަ ޑޯޒު ޖެހުމުން ކާޑުގައި ލިޔަން ޖެހޭ މައުލޫމާތު ލިޔުމަށް އުނދަގުލާއި ކުރިމަތިވާ ކަމަށެވެ.
ޑރ. ނަޒްލާ ވަނީ ކާޑު ލެމިނޭޓް ކުރަން ބޭނުންވާ މީހުން ވެކްސިންގެ ދެވަނަ ޑޯޒު ޖެހުމުން ކާޑު ލެމިނޭޓް ކުރަން މަޑު ކޮށްލުމަށް އެދިވަޑައިގެންފަ އެވެ.
ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒު މިހާތަނަށް ޖަހާފައިވަނީ 14،951 މީހުންނެވެ. އޭގެ ތެރެއިން 4،382 މީހުންނަކީ އިއްޔެ ދެވަނަ ޑޯޒު ޖެހި މީހުންނެވެ.
ކޮވިޝީލްޑްގެ ދެ ވަނަ މާލޭގެ އިތުރުން އަތޯލުތަކުގައި މިހާރުވަނީ ދޭން ފަށާފައި އެވެ. ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒު ޖަހަނީ ފުރަތަމަ ޑޯޒު ޖަހާތާ އަށް ހަފްތާ ފަހުންނެވެ.
މިހާތަނަށް ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖަހާފައިވަނީ 265،235 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް