އަތޮޅު ތެރޭގައި ހަލުވިކަމާއި އެކު ކޯވިޑް-19 ފެތުރެމުންދާ ރަށްތަކުގެ ތެރޭގައި މިހާރު އދ. މާމިގިލި ހިމެނޭ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ މަމިގިލީގައި ޕޮސިޓިވް ކޭސްތައް އިތުރުވަމުންދާކަން ފާހަގަ ކުރެވިފައވާ ކަމަށެވެ. އެރަށުން އެންމެ ފުރަތަމަ ކޯވިޑަށް ޕޮސިޓިވްވެފައިވަނީ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި މީހެކެވެ.
ޑރ. ނަޒްލާ ވިދާޅުވީ އޭގެ ފަހުން އެ ރަށުން 27 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ ކަމަށެވެ. އަދި އިއްޔެ އެކަނި 13 މީހަކު ޕޮސިޓިވް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ރަށުން ފުރަތަމަ ޕޮސިޓިވްވި މީހާ އާއި ގުޅުން ހުރި 443 ސާމްޕަލެއް މިހާތަނަށް ނަގާފައިވެ އެވެ. މާމިގިލީ ހެލްތް ސެންޓަރުން ބުނީ އެ ރަށުން އަދި ފެނިފައިވަނީ ކޯވިޑްގެ އެންމެ ކްލަސްޓާއެއް ކަމަށެވެ.
ހަލުވިކަމާއި އެކު ރަށުގައި ކޯވިޑް ފެތުރެމުންދާތީ އެ ރަށު ސިއްހީ މަރުކަޒުން ދެމުންދިޔަ ހިދުމަތްތަކަށް ވަނީ ބަދަލު ގެނެސްފައި އެވެ. އެގޮތުން މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ބަލިމީހުން ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ފޯނުން ދޭގޮތަށް ބަދަލުކޮށްފައިވާއިރު ޕަބްލިކް ހެލްތު ޔުނިޓުން ދެމުންދާ ހިދުމަތްތައް ކަމަށްވާ ކުޑަކުދިންގެ ބަރުދަން ބެލުމާއި ވެކްސިން ޖެހުން ފަދަ ހިދުމަތްތައް ވަގުތީގޮތުން ވަނީ މެދުކަނޑާލާފައި އެވެ.
އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.
އެޗްއީއޯސީން ބުނީ އަތޮޅު ތެރޭގައި އެންމެ ގިނަ ކޯވިޑް ކޭސްތައް ހުރީ ޅ. ނައިފަރު ކ. ހުރާ އަދި ދިއްފުށީގައި ކަަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް