ލޯކަލް ކައުންސިލުތަކަށް އެމްޑީޕީ ކެންޑިޑޭޓުން ހޮވުމަކީ ގައުމީ ވާޖިބެއް ކަމަށް ވިދާޅުވެ، އެވާޖިބު ފުރިހަމަ ކުރުމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ގޮވާލައްވައިފިއެވެ.
އޭނާ މިކަމަށް ގޮވާލެއްވި، އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕޭން ނިންމުމަށް އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުރިހަމަގޮތުގައި ގެނެސްދިނުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށެވެ. އެގޮތުން މި މަސައްކަތުގެ ފޮނި މީރުކަން ލިބިގެންދާނީ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެން ކަމަށް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، "ސަރަހައްދީ ތަރައްގީ"އަކީ ވޭތުވެ ދިޔަ އެކި ސަރުކާރުތަކުން އެކި ނަންނަމުގައި ވިއްކަމުންދިޔަ ފަލްސަފާއެއް ކަމަށެވެ. އެކަން ފާހަގަކުރައްވައި މެމްބަރު އަސްލަމް ވަނީ މި ފަލްސަފާގެ ދަށުން ގިނަ ބިންތަކެއް ވިއްކާފައިވީ ނަމަވެސް، އެކަށޭނަ ތަރައްގީއެއް ގެނެވިފައެއް ނުވާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، ވޭތުވެދިޔަ 7 އަހަރު ލާމަރުކަޒީ ނިޒާމު ދިޔައީ ފަހަތަށް ފިޔަވަޅު އަޅަމުންކަމަށް އަސްލަމް ވިދާޅުވިއެވެ. މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، މި ނިޒާމު އޮތީ ފޮހެވޭ ހިސާބާއި ހަމައަށް ގޮސްފައިކަމަށް ވެސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް