ދިވެހި ރައްޔިތުން ދާން ބޭނުންވާ އަމާޒަށް ގެންގޮސް ދެވޭނީ އެމްޑީޕީއަށް ކަމަށާއި، އެކަމަށްޓަކައި ލާމަރުކަޒީ ނިޒާމް ފައްކާކުރަން ކައުންސިލްތައް އެމްޑީޕީއާ ހަވާލުކުރުން މުހިންމު ކަމަށް އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕޭން ހަރަކާތްތައް ނިންމާލުމަށް ރޭ އއ. ރަސްދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ހެޔޮގޮތުގައި ރާއްޖެއަކަށް ހަދައިދެނީ ކޮން ބައެއްކަން ދިވެހިންނަށް އޮޅިފައި ނެތް ކަމަށެވެ. ދިވެހިން ބޭނުންވާ ތަރައްގީ ދިވެހިންނަށް ހޯދައިދީ، ދިވެހިން ބޭނުންވާ ހިސާބަށް ރާއްޖެ ގެންގޮސްދޭނީ އެމްޑީޕީކަން އެންމެނަށް ވެސް އެނގޭކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖެ ބަދަލުކުރާ ޕާޓީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ވެސް ރައީސްކަން ކުރައްވާ، ރައިސް ނަޝީދު ވިދާޅުވީ، ރަށްރަށް ބާކީވެ ތަރައްގީގެ މަޝްރޫއުތައް ނުހިނގުމަކީ އަތޮޅުތެރޭގެ ރައްޔިތުންގެ އަބަދުގެ ޝަކުވާއެއްކަމަށެވެ. އަދި އެމްޑީޕީން މަސައްކަތްކުރަނީ އެ ޝަކުވާތައް ހައްލުކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެ ހުރިހާ ކަމަކަށް އޮތް ހައްލުކަމަށެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ފުރަތަމަ ޑިމަކްރެޓިކް ރައީސް ނަޝީދު ވިދާޅުވީ އެ ނިޒާމު (ލާމަރުކަޒީ ނިޒާމު)ގެ ތެރެއިން ކައުންސިލްތަކާ ގިނަ ކަންތައްތަކެއް ހަވާލުކުރެވި ރަށް ހިންގައި ރަށުގެ ތަރައްގީގެ މަޝްރޫތަކުގެ މޭސްތިރިއަކަށް ރަށު ރައްޔިތުން ވެގެންދާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން މަސައްކަތްކުރަނީ ދުޅަހެޔޮ ތާހިރު ދިރިއުޅުމެއް އުޅެވޭ، އަމިއްލަ ފައި މައްޗަށް ތެދުވެ އަމިއްލަ ކަންކަން ކޮށްގެން އުޅޭ ރައްޔިތަކު ދިރިއުޅޭ ގައުމަކަށް ރާއްޖެ ހަދަން ކަމަށެވެ. އެކަން ކުރެވޭނީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ވެރިކަމެއް އޮވެގެން ކަމަށާއި، ރައްޔިތުންނާ ގާތުން ގުޅިގެން މަސައްކަތްކުރާނެ ސަރުކާރެއް ގާއިމްކުރުމުގެ އެންމެ ފަސޭހަ މަގަކަށް ވާނީ ލާމަރުކަޒީ ނިޒާމަކުން ކައުންސިލްތަކާ ހިންގުން ހަވާލު ކުރުން ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހިންގަން އެނގޭ ކަމަށް ބުނެ އިދިކޮޅުން ވާހަކަ ދެއްކިނަމަވެސް އެއި އެބޭފުޅުންނަށް ކުރަން އެނގޭ ކަމެއް ނޫން ކަން ރައީސް ޔާމީނުގެ ވެރިކަމުގައި ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ އެއްޗެއްކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެއީ އެމްޑީޕީގެ ހާއްޔެއް ކަމަށާއި، އެ ހާއްޔަށް ބިސް އަޅާ ބިސް ފީކޮށް ދޫނި އުދުއްސާލާނީ އެމްޑީޕީން ކަމަށެވެ. އެ ދޫނި ދާނީ ރަށްވެހި ފަތިހަކާ ދިމާއަށް ކަމަށް ވެސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް