މަދު ލާރިކޮޅަކަށް ގަނެލެވޭ އަޅަކަށް ތިބާ ނުވާށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތު ކުޑަތަން ވަމުންދާއިރު ކެމްޕޭނު ހަރަކާތްތަށް ބޮޑު އީދު ތިން ދުވަހަށް ވުރެ މިދަނީ ކުލަ ގަދަވަމުންނެވެ. ފަސް އަހަރުގެ ދައުރަކަށް ރަށު ކައުންސިލް ތަކަށް އައްޔަނު ކުރާ...

09 Apr 2021 | 03:55

ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތު ކުޑަތަން ވަމުންދާއިރު ކެމްޕޭނު ހަރަކާތްތަށް ބޮޑު އީދު ތިން ދުވަހަށް ވުރެ މިދަނީ ކުލަ ގަދަވަމުންނެވެ. ފަސް އަހަރުގެ ދައުރަކަށް ރަށު ކައުންސިލް ތަކަށް އައްޔަނު ކުރާ މެންބަރުންގެ ވިސްނުމާއި ހިޔާލާތުގެ މައްޗަށް ބުރަވެ ކެމްޕޭނު ހަރަކާތްތަކަށް ނިކަމެތި ރައްޔިތުމީހާގެ ފައިބުޑަށް ވެއްޓޭތަން މިދަނީ ފެންނަމުންނެވެ. ނަމަވެސް މީގެ އަހަރުތަކެއް ކުރިޔާ އަޅާބަލާއިރު މިކަންކަންވެސް މިވަނީ ޒަމާނާއި ފައި ހަމަކޮށްފައެވެ.

ވޯޓު ވިއްކުން މިވަނީ ޖެހިލުމެއްނެތި ރައްޔިތުމީހާ ކުރާ އާންމު ވިޔަފާރިއަކަށް ވެފައެވެ. ވަކި މިވެނި އެވެނި އިންތިހާބެކޭ ބުނެވޭނެ ޖާގައެއް މިކަމުގައި ނެތެވެ. މިކަމަކީ ތަހުޒީބުވެ ގައުމު ދާ ދިޔުން ގުރުޑު ކޮށްލާ ނާތަހުޒީބީ ކަމެކެވެ. އިންތިޚާބުތަކަށް ކުރިމަތި ލައްވާ ބޭބޭފުޅުން ރައްޔިތުމީހާ ގަނެލަނީ ހަގީގަތުގައި ބާޒާރެއްގައި ތަކެތި ގަންނަން އަގު ކިޔާ އުސޫލުންނެވެ. އާންމުފަރުދުންގެ ދިރިއުޅުމުގެ ހާލަތު ހުންނަގޮތުން މިފަދައިން ލިބޭ ކޮންމެ ފުރުސަތެއްގައި ކޮންމެ ހާލެއްގައި ނަމަވެސް ވަގުތީ އުފަލަކަށް ޖީބަށް ވައްޓާލާ ނޫޓަށް ނަފްސު ވިއްކާލަނީ އެއްވެސް އަގެއްނެތް ގޮތުގައެވެ.

ކައުންސިލްތަކަށް މީހުން ހޮވާ މަގްސަދު މިކަމުގެ ސަބަބުން އޮޅި ކައުންސިލް ތަކަކީ ވިޔަފާރި ގާފިލާއަކަށް ހަދާލައެވެ. ފަސް އަހަރު ދުވަހުތެރޭ ކައުންސިލް މެންބަރުންނަށް ތިބެ ލިބޭ އާމްދަނީ އާއި އެތައް ގުނަ ނުބައްދަލު އަދަދަކަށް މިފަދައިން ކުރިމަތިލައްވާ ބޭފުޅުން އިންތިހާބަށްޓަކައި ހަރަދު ކުރާކަމުގެ އަޑުތަކަކީ ވަކި ޕާޓީއަކަށް ނިސްބަތްކޮށް ބުނެވޭނެ އެއްޗަކަށް ނުވެއެވެ.

މިފަދައިން ނަފްސު ވަގުތީ އުފަލަކަށް އަގުކޮށް ވިއްކާ މީހުންނަށް ހަގީގަތުގައި ރައްތަކާއި އަތޮޅުތަކުގެ ތަރައްގީއަށް ކަންކަން ނުކޮށްދިން ނަމަވެސް ނުރުހުން ފާޅުކޮށް ބަސްބުނެވޭނެ ޖާގައެއް ނެތެވެ. އަދި ހަމަ އެހެންމެ ކައުނަސިލް ތަކުގެ މެންބަރުކަމަށް މިފަދައިން ފައިސާ ހަރަދުކޮށްގެން ހޮވިވަޑައި ގަންނަވާ މެންބަރުންގެ އިހްލާސްތެރިކަމާއި މެދު ހަގީގަތުގައިވެސް އެހިނދު ސުވާލު އުފެދެއެވެ. ސާފު ހިތަކާއިގެން ރައްޔިތުމީހާގެ އަރިހަށް އަންނަ ނަމަ މިއީ މިކަންވާން ޖެހޭނެ ކަމެއްކަމުގައި ޒަމީރު ގަބޫލެއް ނުކުރެއެވެ.

ނިކަމެތި ރައްޔިތުމީހާ އަތުން ވޯޓު އަގުމަގުކޮށް ގަނެލާ ކައުންސިލްތަކަށް އިންތިޚާބުވާ މެމްބަރުން ތިއްބަވަނީ ހަމަ ރައްޔިތުންނަށް އޮތް ލޯތްބާއި ކުރިމަގަށް ހިތުގައި ޖެހިފައި އޮތް ކުލުނުގެ ސަބަބުންބާއެވެ. ވޯޓުލުމުގެ ކުރިން މިފަދަ ކޮންމެ ކަމަކާއި މެދު ވިސްނާލާ ތިމާގެ އިހްލާސްތެރިކަން ދެއްކުމަކީ ކޮންމެ ފަރުދެއްގެވެސް ފަރުދީ ޒިންމާއެކެވެ. ވަގުތީ އުފަލަކަށް ގައުމިއްޔަތު ވިއްކާލާނަމަ އެކަމުގެ ގެއްލުން ކުރިމަގު ޖީލަށް އެންމެ ނިކަމެތި ގޮތުގައި ކުރާނެކަމީ ފަހުން ކުރަންޖެހޭ ހިތާމައަކަށް ވެގެންދާނޭކަމެކެވެ.

ގޭގައި ބޭނުންކޮށްލާނެ ކާޑުގެ ބާވަތް ކޮޅަކާއި ދޭ މަދު ފައިސާކޮޅަށް ވޯޓު ވިއްކާނަމަ ތިމާގެ ނަފްސުގެ އަގު ހަވާ ނަފްސުގެ އަޅަކަށްވެއްޖެއެވެ. އިންތިހާބި ވޯޓު ތަކުގައި ދެފަރާތުގެ ސާފު އިހުމާލުންކުރާ މިފަދަ ކޮންމެކަމަކީ ގާނޫނު އަސާސީގައި ބަޔާންވެގެންވާ ކުށެއްކަމުގައި ވާއިރު ކައުންސިލް ތަކަށް ކުރިމަތިލައްވާ ބޭބެފުޅުން މިފަދައިން ކުށްކުރާ ނަމަ މިކަމަށް ވުރެން ހެއްވާ ޖާހިލުކަމެއް މި ކައުންސިލް އިންތިހާބުގައި ނުހިނގާނެއެވެ. ވޯޓުލުމުގައި ތިމާއީ ކެނޑިޑޭޓުންގެ އަޅަކަށް އަދި ވޯޓުގެ އަޅަކަށް ވާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ވިސްނާ ފިކުރުކުރާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް