ރާއްޖޭގައި ސިނޮފާމް ވެކްސިން ޖެހި މީހުންގެ ފަރާތުން މިހާތަނަށް ސައިޑް އިފެކްޓްސްގެ ގޮތުގައި ފާހަގަވެފައިވަނީ އެންމެ ކަމެއް ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ސޮނޮފާމް ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. މިހާރު މާލެ އާއި އަތޮޅު ތެރޭގައި ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒުގެ ގޮތުގައި ދެމުން ދަނީ ސިނޮފާމް ވެކްސިން އެވެ.
އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވެކްސިން ކްލަސްޓާގެ ފަރާތުން ފާޓިމަތު އަނާ ވިދާޅުވީ ކޮވިޝީލްޑް ވެކްސިނާއި ސިނޮފާމް ވެކްސިންގެ ސައިޑް އިފެކްޓްސް ގޮތުގައި ފާހަގަ ކޮށްފައިވަނީ އެއް ކަންތައްތަކެއް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހުން އައުން، ގައިގަ ރިއްސުން، ބޮލުގައި ރިއްސައި ބޯއެނބުރުން ފަދަ ކަންކަން ކަމަށް އަނާ ވިދާޅުވި އެވެ.
އެކަމަކު މިހާތަނަށް ރާއްޖޭގައި ސިނޮފާމް ޖެހި މީހުންގެ ފަރާތުން ސައިޑް އިފެކްޓްގެ ގޮތުގައި ފާހަގަވެފައިވަނީ ބޮލުގައި ރިއްސުމުގެ މައްސަލަ އެކަނި ކަމަށް ވިދާޅުވި އެވެ. އަދި ކޮވިޝީލްޑް ވެކްސިން ޖަހައިގެން ސައިޑް އިފެކްޓްސްގެ ޖެހިގެން ރިޕޯޓު ކުރި އަދަދަށްވުރެ ސިނޮފާމް ވެކްސިން ޖަހައިގެން ރިޕޯޓު ކުރި އަދަދު ވަރަށް ދަށް ކަމަށެވެ.
ރާއްޖޭގައި ސިނޯފާމް ވެކްސިންގެ ގޮތުގައި ބޭނުން ކުރަމުންދަނީ ޗައިނާ ސަރުކާރުން ހަދިޔާ ކުރި ދެ ލައްކަ ޑޯޒުގެ ވެކްސިނާއި ހެޔޮ އެދޭ ދެ ފަރާތަކުން ރާއްޖެއަށް ހަދިޔާ ކުރި 10،000 ޑޯޒުގެ ސިނޮފާމް ވެކްސިނެވެ.
ރާއްޖޭގައި ކޯވިޑް-19 އަށް ތައްޔާރުކޮށްފައިވާ ތިން ވެކްސިނެއް ދިނުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ދީފައި އެވެ. އަންނަ އާދިއްތަ ދުވަހު ތިން ވަނަ ވެކްސިން ކަމަށްވާ ފައިޒާ ޖަހަން ފަށާނެ އެވެ.
ފައިޒާ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ މާލެ ސަރަހައްދުގައި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންނާއި 18އަހަރުން މަތީގެ މީހުންނަށް އެކަންޏެވެ.
ރާއްޖޭގައި މިހާތަނަށް ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު 265،235 މީހުން ޖަހާފައިވެ އެވެ. އަދި ދެ ވަނަ ޑޯޒު 14،951 މީހުން ޖަހާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް