މިއަހަރުގެ އޮކްޓޯބަރު/ ނޮވެމްބަރު ބާއްވާ އޯލެވެލް އިމްތިހާނު ފަސް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކޭމްބރިޖް ޔުނިވާސިޓީއަށް ހުށަހަޅައިފި އެވެ.
ނުރައްކާތެރި ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއް ބަންދު ކޮށްފައި އޮންނަތާ ތިން ހަފްތާވީ އެވެ. އަންނަ ހަފްތާގައިވެސް ތައުލީމު ދޭ ތަންތަން ބަންދު ކުރަން އެޗްޕީއޭއިން ވަނީ އަންގާފައި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އޯލެވެލް އިމްތިހާނު މިހާރު ބާއްވާ ތާރީހު ފަސް ކުރަން ނުވަތަ ބަދަލު ގެނައުމަށް ކޭމްބްރިޖް ޔުނިވާސިޓީ އާއި އެކު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. އެކަމަކު މިހާތަނަށް އެ ޔުނިވާސިޓީން ރަސްމީކޮށް މިނިސްޓްރީއަށް އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ އޯލެވެލް އިމްތިހާނު ފަސް ކުރަން ޖެހިއްޖެ ނަމަ ރާއްޖޭގައި ހަދާ އެސްއެސްސީ އިމްތިހާނު ބާއްވާ ތާރީހަށް ބަދަލު ގެންނާށެވެ. މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އެ ޔުނިވާސިޓީން ޖަވާބެއް ލިބެންދެން މިހާރު އިމްތިހާނަށް ތައްޔާރުވަމުންދާ ގޮތަށް އޯލެވްލް އަދި އެސްއެސްސީ އިމްތިހާނަށް ދަރިވަރުން ތައްޔާރުވާން ޖެހޭނެ އެވެ.
ގްރޭޑް10 އަދި11 ގެ ދަރިވަރުންނަށް ހާއްސަކޮށްގެން އެޑިއުކޭޝަން މިނިސްޓްރީން ދަނީ ޕީއެސްއެމްއާއި ގުޅިގެން ޓެލި ކިލާސްގެ ނަމުގައި ޓީވީ މެދުވެރިކޮށް ކްލާސްތަކެއް ނަގައިދެމުންނެވެ.
ކޯވިޑް-19 އާއި ގުޅިގެން މިއަހަރުގެ މެއި/ ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އިންޓަނޭޝަނަލް އޭއެސް ލެވެލް (އޭލެވެލް) އިމްތިހާނު ވަނީ ފަސްކޮށްފައި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނީ އެ އިމްތިހާނު ދެން ބާއްވާނީ މިއަހަރުގެ އޮކްޓޯބަރު/ ނޮވެމްބަރުގައި ކަމަށެވެ. މިގޮތަށް ނިންމީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދިގު މުއްދަތަކަށް ސްކޫލްތައް ބަންދު ކުރަން ޖެހިފައިވާތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް