އަންނަ ހަފްތާގައި މަރުކަޒީ ބޭންކު އެމްއެމްއޭއާއި ބޭންކުތަކުން ތިން ދުވަހު ހިދުމަތް ދޭން ނިންމައިފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ސަރުކާރު ބަންދު ހަފްތާއެއްގެ ގޮތުގައި އަންނަ ހަފްތާވެސް ވަނީ ހަމަޖައްސާފައި އެވެ. އަންނަ ހަފްތާ ވެގެންދާނީ ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކޮށްފައި އޮންނަތާ ހަތަރު ވަނަ ހަފްތާއަށެވެ.
އެމްއެމްއޭއިން ބުނީ އަންނަ ހަފްތާގައި އެމްއެމްއޭއާއި ބޭންކުތަކުން ހިދުމަތް ދޭނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ކަމަށެވެ.
އެ ދުވަސްތަކުގައި ބޭންކުތަކުން ފައިސާ ބަލައިގަތުމާއި ދޫކުރުމުގެ ހިދުމަތް ދިނުމަށްް ހަމަޖެހިފައިވަނީ ހެނދުނު9:30 ން މެންދުރު12:30 އަށެވެ. ވަކި ލާރި ބަލައިގަތުމުގެ ހިދުމަތް ދޭނީ ހެނދުނު9:30 ން11:00 އަށެވެ.
ސަރުކާރު ބަންދުވުމާއި ގުޅިގެން ބޭންކުތަކުގެ ހިދުމަތްދޭ ދުވަސްތައް މަދުކަމުން ހުޅުވާ ދުވަސްދުވަހު ގިނަ ބަޔަކު ބޭންކަން ދަތީ ސަރުކާރާއި ބޭންކުތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އިޖުތިމާއީ ގައިދުރު ކަމަށް އިސްކަން ދިނުމަށް އިލްތިމާސް ކުރަމުންދާއިރު އެކަމަށް ސަމާލުކަން ނުދޭ މައްސަލަ ދަނީ އިތުރު ވަމުންނެވެ.
ބީއެމްއެލްއިން މިދިޔަ ހަފްތާގައި ބުނެފައިވަނީ ބޭންކަން ހިދުމަތް ހޯދަން ގޮސް ފިތިގެން ކިޔުގައި ތިބެގެން ހޯދާފައިވާ ގިނަ ހިދުމަތްތަކަކީ އެ ބޭންކުން އޮންލައިންކޮށް ލިބޭނެ ހިދުމަތްތައް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް