ބިދޭސީ މީހާއަށް އަނިޔާ ކުރި މީހުންނަށް އިންނަމާދޫ ކޯޓުން އެންމެ ފަހުން މުއްދަތު ޖަހައިދީފި

ރ. އިންނަމާދޫގައި ބިދޭސީއަކަށް އަނިޔާކުރި ދެމީހަކު އެ ރަށު މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލި މައްސަލަ އަލުން ބަލައި އެ ދެމީހުންގެ ބަންދުގެ މުއްދަތު ޖަހައިދީފި އެވެ. ފުލުހުން ބުނީ އެ ދެމީހުން ދޫކޮށްލި މައްސ...

09 Apr 2020 | 09:05

ރ. އިންނަމާދޫގައި ބިދޭސީއަކަށް އަނިޔާކުރި ދެމީހަކު އެ ރަށު މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލި މައްސަލަ އަލުން ބަލައި އެ ދެމީހުންގެ ބަންދުގެ މުއްދަތު ޖަހައިދީފި އެވެ.

ފުލުހުން ބުނީ އެ ދެމީހުން ދޫކޮށްލި މައްސަލަ ކޯޓުން އަލުން ބެލީ ރޭގައި ކަމަށެވެ. އަދި ރޭ އިންނަމާދޫ ކޯޓުން ވަނީ އެ ދެމީހުން ހައްޔަރުކުރަން އަމުރުކޮށް ބަންދަށް ހަތް ދުވަސް ޖަހައިދީފައި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގަ ހައްޔަރު ކުރީ48 އަހަރާއި38 އަހަރުގެ ދިވެހި ފިރިހެނުންނެވެ.

ފުލުހުން ބުނީ އަނިޔާ ލިބިފައިވަނީ28 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށެވެ. އެމީހާ އަކީ އިންނަމާދޫގައި ނަރުދަމާ މަސައްކަތް ކުރަން އުޅޭ މަސައްކަތު މީހެކެވެ.

ފުލުހުން ބުނީ ބިދޭސީ މީހާއަށް ހަމަލާދިނީ 48 އަހަރުގެ ދިވެހި މީހާ ގޭގައި ހުރި ގަސްތަކަކަށް ފެންދޭއިރު ނަރުދަމާގެ މަސައްކަތުގައި ގެންގުޅޭ މެޝިނުތަކަށް ފެން އެޅޭ ކަމަށް އެ ބިދޭސީ މީހާ ބުނުމުން ކަމަށް ވެ އެވެ.

މި މައްސަލަ އިންނަމާދޫ ކޯޓުން ރިވިއު ކޮށްފައި މިވަނީ ބިދޭސީ މީހާއަށް އަނިޔާ ކުރި ދެމީހުން ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ޕްރޮސެޖިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވަނިކޮށެވެ. އަދި އެ ހުކުމް ކުރެއްވި އިންނަމާދޫ ކޯޓުގެ މެޖިސްޓްރޭޓް، މައްސަލަ އާއި ގުޅިގެން ހުށަހެޅި ހެކިތައް ބަލައި ނުގަތް މައްސަލަ ބަލައި ދިނުމަށް ޖޭއެސްސީއަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މެޖިސްޓްރޭޓުންގެ މިފަދަ އަމަލުތަކުން ރައްޔިތުންގެ އިތުބާރު ޝަރުއީ ދާއިރާއަށް ގެއްލޭ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. ފުލުހުން ބުނީ އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުން އެ ދެމީހުންގެ މުއްދަތު ޖަހަން ދޫކޮށްލާފައިވަނީ އެމީހާއަށް ކުރި އަނިޔާތަކުގެ ފޮޓޯ އާއި ޑޮކްޓަރުގެ ލިޔުމާއި، މަންޒަރު ދުއްފަރާތުގެ ބަޔާންވެސް ހުށަހަޅާފައިވަނިކޮށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް