އެނބޫދޫ ވިލެޖުގައި ކަރަންޓީން ކޮށްފައި ހުރި މީހަކު މާލޭގައި އޮތް ޖަނާޒާއަކަށް ގެނައި މައްސަލައެއް ހޫނު ވެއްޖެ އެވެ.
މިކަން ހިނގާފައިވަނީ މި ހަފްތާތެރޭގައި އެވެ. ކަރަންޓީންގައި ތިބޭ އެއްވެސް މީހަކު އާންމުންގެ ތެރެއަށް ނުކުމެ އުޅުމަކީ، ނުވަތަ ނެރެހެދުމަކީ، ނުރައްތެރިކަން އޮތް ކަމެކެވެ.
މިކަމާ ގުޅޭގޮތުން ރޭ ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އާއިލާ މީހަކު މަރުވުން ފަދަ ކަމެއް ދިމާވުމުން ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ދޭނެ ކަމަށެވެ. އެއީ ކުރިންވެސް ހަމަޖައްސާފައި އޮންނަ އުސޫލު ކަމަށް ވިދާޅުވި އެވެ. އެމީހަކު ގެނައީ ކާފަގެ ނަޖާޒާއަށެވެ.
އޭނާ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ ވަކި އުސޫލަތުން ވަކި ގޮތަކަށް އަމަލު ކުރާ ގޮތަށް ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެގޮތުން ޖަނާޒާގެ ކަންކަން ހިނގާ ސަރަހައްދުގައި އޭނާ ހުރީ ވަކިން ކަމަށާއި ކަށު ނަމާދު ކުރަންވެސް ހުރީ އެހެން މީހުންނާއި ދުރުގައި ވަކިން ކަމަށް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން ހިތްހަަމަ ނުޖެހުން ފާޅު ކުރި އިތުރު ކަމެއްވެސް އޮތެވެ. އެއީ ޖަނާޒާގެ ކަންކަން ނިންމާ އެރޭ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އެމީހާ އޮޅިގެން ގެންދެވިފައިވަނީ އެނބޫދޫ ފިނޮޅުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީއަށެވެ.
އޭނާ އެ ރިސޯޓުގެ ޖެޓީ މަތީ15 ވަރަކަށް މިނެޓު ހުރުމަށް ފަހު އަނެއްކާވެސް އެމްއެންޑީއެފުން ވަނީ އެނބޫދޫ ވިލެޖަށް ގެންގޮސްދީފަ އެވެ. މަބްރޫކް ވިދާޅުވީ އެ ހޭދަވި ވަގުތުގައި އޭނާ އާއި ސެކިއުރިޓީ ފިޔަވާ އިތުރު އެއްވެސް މީހަކު ދިމާވެފައި ނުވާ ކަމަށެވެ.
މަބްރޫކް ވަނީ ރޭގެ ވާހަކައިގަ ވަރަށް ބޮޑަށް މިކަން ދިފާއުކުރައްވާ އެވެ. މަބްރޫކް ވިދާޅުވީ އެމީހާ މިހާރު ވަނީ ކޯވިޑަށް ޓެސްޓުކޮށްފައި އެވެ. އަދި ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ މިއަދު ދޫކޮށްލާނެ އެވެ.
ކޯވިޑް-19 ފެތުރެމުންދާ ގައުމުތަކުގައި ޖަނާޒާގެ ކަންކަން ކުރިޔަށް ދަނީ ވަކި އުސޫލަކުންނެވެ. އެއީ އިޖްތިމާއީ ގައިދުރު ކަމަކީ މުހިންމު ކަމަކަށްވާތީ ގިނަ އަދަދަކަށް މީހުން މަރުވަމުން އަންނަ ގައުމުތަކުގައި ޖަނާޒާ ބާއްވަނީ އާންމުން ބައިވެރިވުމެއް ނެތި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް