ރާއްޖެއިން 2،000 އަށްވުރެ ގިނަ ސާމްޕަލް ކޯވިޑް-19 އަށް ޓެސްޓު ކޮށްފި

މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް މިހާތަނަށް ރާއްޖެއިން 2،350 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. ކޯވިޑް-19 އާއި ގުޅިގެނ...

08 Apr 2020 | 19:01

މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް މިހާތަނަށް ރާއްޖެއިން 2،350 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް) އިން ނިންމާފައިވަނީ ބައްޔަށް ޝައްކު ކުރެވޭ މީހުންނާއި އެމީހުންނާއި ގުޅުން ހުރެގެން އައިސޮލޭޝަންގައި ބޭތިއްބޭ މީހުންގެ ތެރެއިން ވައިރަހުގެ އަލާމާތްތައް ފެންނަ މީހުން ޓެސްޓު ކުރާށެވެ. އެކަމަކު ފަހުން ވަނީ ކަރަންޓީން ފެސިލިޓީތަކުގައި ތިބި އެންމެ ދޫކޮށްލާފައި ވައިރަހަށް ޓެސްޓު ކުރަން ނިންމާފައި އެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއޭއޯސީ) ން ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ޓެސްޓު ކުރި ސާމްޕަލްތަކުގެ ތެރެއިން ނަތީޖާ ނެގެޓިވްވެފައިވަނީ2،059 މީހުންނެވެ. ޕޮސިޓީވްވެފައިވަނީ19 މީހެކެވެ.

ޓެސްޓުކޮށްފައިވާ މީހުންގެ އަދަދު ސާމްޕަލް އަދަދާ ދިމާނުވެދާނެ އެވެ. އެއީ ބައެއް މީހުން ދެ ފަހަރު ޓެސްޓުކޮށްފައިވާތީ އެވެ. އަދި ބައްޔަށް ޕޮސިޓީވްވި މީހުންގެ ތެރެއިން ރަނގަޅުވާ މީހުން ދޫކޮށްލަނީ ހަތަރު ފަހަރު ޓެސްޓު ކުރުމަށް ފަހު އެވެ.

ރާއްޖޭގައި ގާއިމްކޮށްފައިވާ12 އަށްވުރެ ގިނަ ކަރަންޓީން ފެސިލިޓީތަކުގައި1،019 މީހަކު އެބަތިއްބެވެ. އޭގެ ތެރެއިން ކަރަންޓީންގެ މުއްދަތު ހަމަވެގެން ދޫކޮށްލުމަށް މިއަދު200 މީހުންގެ ސާމްޕަލް ނެގި އެވެ. މިހާތަނަށް ކޯވިޑް-19 އަށް ޓެސްޓު ކޮށް ނަތީޖާ ނެގެޓިވްވެގެން ކަރަންޓީން ފެސިލިޓީތަކުގައި ތިބި325 މީހަކު ވަނީ ދޫކޮށްލާފައި އެވެ.

ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ނުވަތަ އާންމުންގެ މެދުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކިރިޔާވެސް އަލާމާތެއް ފެންނަ ނުވަތަ ކޯވިޑް-19 އަށް ޝައްކު ކުރެވޭ ކޭސް އަކާއި ގުޅުން ހުރި މީހެއް ނަމަ ވައިރަހަށް ދަނީ ޓެސްޓު ކުރަމުންނެވެ.

އެކަމަކު މިހާތަނަށް ވައިރަސް މުޖުތަމައުގައި ފެތުރޭކަމުގެ ނިޝާނެއް ނުފެނެ އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-1 އަށް ޕޮސިޓީވްވީ19 މީހުންނެވެ. އޭގެ ތެރެއިން13 މީހަކު ރަނގަޅުވެފައިވާއިރު ފަރުވާދެމުން ދަނީ ހަތަރު ދިވެހިންނަށެވެ. އަނެއް ދެމީހުން ބައްޔަށް ޕޮސިޓީވްކަން އެނގުނީ ރާއްޖެއިން ފުރި ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް