މުއްދަތު ހަމަވާކަން އެނގުމުން މާލޭގައި ވެކްސިން ޖަހާ މީހުން އިތުރުވެއްޖެ

މާލޭގައި ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިދޭ މުއްދަތު ހަމަވާން ކައިރިވާ ކަން އެނގުމުން މިއަދު ވެކްސިން ޖެހި އަދަދު ކުއްލިއަކަށް އިތުރު ވެއްޖެ އެވެ. އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކުގައި ...

09 Mar 2021 | 17:39

މާލޭގައި ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިދޭ މުއްދަތު ހަމަވާން ކައިރިވާ ކަން އެނގުމުން މިއަދު ވެކްސިން ޖެހި އަދަދު ކުއްލިއަކަށް އިތުރު ވެއްޖެ އެވެ.

އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވަނީ މިއަދު ޖުމްލަ 7،862 މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ.

އޭގެ ތެރެއިން 4،083 މީހުން ވެކްސިން ޖަހާފައިވަނީ މާލެއިންނެވެ. އަތޮޅު ތެރޭގައި މިއަދު ވެކްސިން ޖަހާފައިވަނީ 3،779 މީހުންނަށެވެ.

މާލޭގައި ވެކްސިން ޖެހި އަދަދު ކުއްލިއަކަށް މިއަދު އިތުރުވެފައިވާއިރު މިދިޔަ ހަތަރު ވަރަކަށް ހަފްތާ މާލެ ސަރަހައްދުގައި ވެކްސިން ޖަހާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ. ކޮންމެ ދުވަހަކު ވެކްސިން ޖަހާ މީހުންގެ އަދަދު ކިރިޔާ 2،000 އަށް އަރައި ހުންނަތާ ދެ ހަފްތާ ވަރުވެއްޖެ އެވެ.

ވެކްސިން ޖަހާ މީހުން ކުއްލިއަކަށް އިތުރުވީ މާލޭގައި ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިދޭނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައި ވަނިކޮށެވެ. އޭނާ ވިދާޅުވީ މާލޭގައި ވެކްސިން ޖެހުމަށް އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށާއި އަންނަ ހޯމަ ދުވަހުގެ ނިޔަލަށް 18 އަހަރުން މަތީގެ 75-80 ޕަސެންޓާއި ދެމެދުގެ އަދަދަކަށް މީހުންނަށް ވެކްސިން ދެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މާލެ ސަރަހައްދުގައި މިމަހު ފަހުކޮޅު ކޯވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒު ދޭން ފަށާނެ އެވެ. ރާއްޖޭގައި ދެވަނަ ޑޯޒު ދޭންނިންމާފައިވަނީ ފުރަތަމަ ޑޯޒު ޖަހާތާ އަށް ހަފްތާ ފަހުންނެވެ.

މިހާތަނަށް ރާއްޖެއިން 165،675 މީހުން ކޯވިޑް ވެކްސިން ޖަހާފައިވެ އެވެ. އޭގެ ތެރެއިން 95،362 މީހުން މާލެއިން ވެކްސިން ޖަހާފައިވާއިރު 70،313 މީހުން ވެކްސިން ޖަހާފައިވަނީ އަތޮޅު ތެރޭގައި އެވެ.

މިއަދު މާލޭގެ އަށް ސެންޓަރަކާއި ދެ މޮބައިލް ޓީމުން ކޯވިޑް ވެކްސިން ދީފައިވެ އެވެ. އަތޮޅު ތެރޭގައި ކޯވިޑް-19 ވެކްސިން ދީފައިވަނީ 169 ސެންޓަރެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް