ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިން މުއާހަދާތަކާއި ހިލާފު

2014 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު ސުއޯ މޯޓޯ ގައިޑްލައިން މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއާއި ހިލާފު ކަމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީން ކަނޑައަޅައިފި އެވެ. އޭޖީ ...

09 Mar 2021 | 16:49

2014 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު ސުއޯ މޯޓޯ ގައިޑްލައިން މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއާއި ހިލާފު ކަމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީން ކަނޑައަޅައިފި އެވެ.

އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޗްއާރުސީއެމުން މަސައްކަތްކުރިއަށް ގެންދާނެ ގޮތާއި އދ.އަށް މައުލޫމާތު ހިއްސާކުރުމުގައި އެ ކޮމިޝަނުގެ ދައުރު ހަނިވެގެންދާ ގޮތަށް، އަމަލުކުރަން ޖެހޭ ވަކި ގައިޑްލައިނެއް ސުޕްރީމު ކޯޓުން ކަނޑައެޅުމުން، އެ ކޮމިޝަނުގެ މެމްބަރުންނަށް މަދަނީ އަދި ސިޔާސީ ހައްގުތަކަށް އުނިކަން އައިސްފައިވާކަން އދ.ގެ ކޮމިޓީން ފާހަގަކޮށްފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން 2014 ގައި ހިންގި ސުއޯ މޯޓޫ މައްސަލައަށްފަހު ނެރެފައިވާ ގައިޑްލައިންގެ ނަތީޖާއަކީ ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތަކާ ގުޅޭ ގޮތުން ކޮމިޝަނުގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ހުރަސްއެޅިގެން ދިޔުންކަމަށް ހިއުމަން ރައިޓްސް ކޮމިޓީއިން ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ މުވައްސަސާތަކުން ކުރާ ކަންތައްތަކާއި އާންމު މަސްލަތު ހިމެނޭ ކަންކަމުގައި ކޮމިޝަނުން މިނިވަންކަމާއެކު ހިޔާލު ފާޅުކުރުމަށް ހުރަސްއެޅިފައިވާކަން އެ ކޮމިޓީއިން ފާހަގަ ކޮށްފައިވާ ކަމަށް އޭޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައި ވެއެވެ.

ސުއޯ މޯޓޫ މައްސަލައިގައި ނެރުނު ގައިޑްލައިނަކީ، ޝަކުވާ ހުށަހަޅާފައިވާ ފަރާތްތަކުގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު، ގައިދުކުރުން ކަމަށް ވެސް ކޮމިޓީން ކަނޑައަޅާފައިވާ ކަމަށް ބުންޏެވެ. އަދި އެޗްއާރުސީއެމަށް ކޯޓުން ކޮށްފައިވާ ތުހުމަތުތަކާއި ފާހަގަކޮށްފައިވާ ކަންކަމަކީ، މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާގެ ތަރަހައިގެ ތެރެއިން ކަނޑައެޅޭ، ވަކި ކަމެއް ހާސިލްކުރުމަށް ގައިދުކޮށްފައިވާ ގައިދުކުރުމެއް ކަމަށް ނުބެލެވޭނެ ކަމަށް ވެސް ކޮމިޓީން ކަނޑައަޅާފައިވާ ކަމަށް އޭޖީން ބުންޏެވެ.

އެޗްއާރުސީއެމްގެ މެމްބަރުންނާ ދެކޮޅަށް ސުޕްރީމް ކޯޓުން 2014 ވަނަ އަހަރު ބެލި ސުއޯ މޯޓޯ މައްސަލައިގައި ވަނީ، މެމްބަރުން އަމަލުކުރާނެ ގޮތުގެ 11 ނުކުތާގެ ގައިޑްލައިނެއް ކަނޑައަޅައިފަ އެވެ. އެއީ އެޗްއާރުސީއެމުން އދ. އަށް ހުށަހެޅި ރިޕޯޓެއްގެ ސަބަބުން އަދުލު އިންސާފުގެ ނިޒާމުގެ މިނިވަންކަން ގެއްލޭ ކަމަށް ބުނެ އެވެ.

ސުޕްރީމް ކޯޓުން އޭރު ނިންމި ގޮތުގައި ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގެ ދެ ވަނަ ސައިކަލްއަށް ހުށަހެޅި އެ ރިޕޯޓަކީ ގާނޫނާ ހިލާފު، ވަކިކޮޅަކަށް ބުރަވެފައިވާ ރިޕޯޓެކެވެ. ސުޕްރީމް ކޯޓުގެ މި ހުކުމާއި ގައިޑްލައިނުގެ މައްސަލަ، އެޗްއާރުސީއެމުން 2016 ގައި ވަނީ އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅައިފަ އެވެ.

އޭޖީ އޮފީހުން ބުނީ އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައިގައި، މިދިޔަ އަހަރުގެ ނޮވެންބަރު ދެވަނަ ދުވަހު އެ ކޮމިޓީއިން ގޮތް ނިންމައި، ކޮމިޓީގެ ވިއުސް އެޑޮޕްޓް ކޮށްފައިވާ ކަމަށެވެ. އަދި ކޮމިޓީގެ ވިއުސް 19 ފެބުރުވަރީ 2021 ގައި ރަސްމީކޮށް ދިވެހި ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް