ގުރައިދޫ މަރުކަޒު ވޯޓު ފޮއްޓަށް ރީރެޖިސްޓާ ކުރަން މަޖުބޫރު ކުރާކަމުގެ ޝަކުވާ

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބަހައްޓާ ވޯޓު ފޮއްޓަށް މުވައްޒަފުން ރީ ރެޖިސްޓާ ކުރުވާކަމުގެ ޝަކުވާ އިލެކްޝަނ...

09 Mar 2021 | 11:54

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބަހައްޓާ ވޯޓު ފޮއްޓަށް މުވައްޒަފުން ރީ ރެޖިސްޓާ ކުރުވާކަމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އެ މަރުކަޒުގައި ވޯޓު ފޮއްޓެއް ބަހައްޓަނީ އެތަނުން އެދިގެން ނެވެ. އެތަނުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންނަކީ ގުރައިދޫ ރައްޔިތުންނަށް ވާއިރު އެމީހުން ބޭނުންވަނީ އެ ރަށުގައި ބަހައްޓާ ވޯޓު ފޮއްޓަށް ވޯޓުލާން ދާށެވެ.

އިދިކޮޅުގެ މެޖޯރިޓީ އޮންނަ ގުރައިދޫގައި ކުރިމަތިވެފައިވާ މި މައްސަލައިގެ ޝަކުވާ އާންމުންނާއި ކައުންސިލްގެ އިތުރުން އިދިކޮޅު ޕީޕީއެމްއިން ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުގައި މަސައްކަތް ކުރާ އެ ރަށަށް ނިސްބަތްވާ މުވައްޒަފުންނަށް އެތަނުގެ މެނޭޖްމެންޓުން ދަނީ އެ މަރުކަޒުގައި ހުންނަ ވޯޓު ފޮއްޓަށް ވޯޓުލާން މަޖުބޫރު ކުރުވަމުންނެވެ.

މިކަމާއި ގުޅިގެން އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ކަނޑައެޅިގެން މިނިވަންކަމާއި އެކު ވޯޓުލުމުގެ ހައްގަށް އަރައިގަތުން ކަމަށެވެ. ކޯލިޝަނުން ބުނީ އެ މުވައްޒަފުން އެ ރަށު ވޯޓު ފޮއްޓަށް ވޯޓުލާން ބޭނުންވާކަން އެނގޭއިރު ވަކި ފޮއްޓަކަށް ވޯޓުލާން މަޖުބޫރު ކުރުވުމަކީ ވޯޓަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށްވާތީ އެކަން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

އެމީހަކު ބޭނުން ކޮންމެ ތަނަކަށް މިނިވަންކަމާއި އެކު ވޯޓު ލުމުގެ ހައްގަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަމަަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި މި މައްސަލަ ބަލައި ދިނުމަށް އީސީއަށް ގޮވާލާފައިވެ އެވެ.

ގުރައިދޫ މަރުކަޒުގައި ދައުލަތުން ބަލަހައްޓާ މީހުން އާންމުކޮށް އެހެން އިންތިހާބުތަކުގައި ވޯޓު ލަނީ އެ ރަށުގައި ބަހައްޓާ ވޯޓު ފޮއްޓަށަވެ. އެކަމަކު އެ ސެންޓަރުގައި ވަކި ފޮއްޓެއް ބަހައްޓަން އެދުނީ ކޯވިޑް-19 ފެތުރިފައިވާތީ އެ މީހުން ރަށުތެރެއަށް ނުގެންދިއުމުގެ ބޭނުމުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް